14 Dec 2010, 08:41
ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބައެއް މެންބަރުން އަޑު އުފުލަމުން ގެންދަވަނިކޮށް، ފައިނޭންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އެކޮނަމިކް މިނިސްޓަރު މަހްމޫދު ރާޒީއަށް ބަޖެޓް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައާ މެދު ކުރިއަށްދިޔަ ބަހުސްގައި، ބަޖެޓް ހުށަހެޅުމުގެ ފުރުސަތު މަހްމޫދު ރާޒީއަށް ދެއްވުމަށް ހުށަހެޅުއްވީ، އިދިކޮޅު ޕީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ބަޖެޓް ދިރާސާކުރާ، މާލިއްޔަތު ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ތާއީދު ކުރެއްވި، އެ ހުށަހެޅުން ފާސްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.
ނާޒިމްގެ ހުށަހެޅުއްވުމުގައި ވަނީ، ފިނޭންސް މިނިސްޓަރަކު ނެތުމުގެ ސަބަބުން މިވަގުތަކީ ގައުމަށް ދިމާވެފައިވާ ހާއްސަ ހާލަތުގެ ވަގުތުކަމަށް ކަނޑަޅައި، ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅަކަށް ބަޖެޓް ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވުމަށާއި މި މަހު 31ގެ ކުރިން މަޖިލީހުން ބަޖެޓްގެ ކަންތައް ނިންމަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ މުއްދަތުގައި އެމަސައްކަތް ނިންމޭނެ ކަމަށް ނުފެންނާތީ، ބަޖެޓްގެ ކަންތައް އަވަސް ކުރުމަށް ސިޔާސީ ޕާޓީތަކާ މާޝްވަރާކޮށްގެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ބާރު މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ދެއްވުމަށެވެ. އެ ހުށަހެޅުން ފާސްވުމާގުޅިގެން، މި މައްސަލައިގައި މާވަށު ދާއިރާގެ މެންބަރު އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ ތާއީދާ އެކު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ވޯޓަށް ނޭއްސެވުމަށް ރިޔާސަތުން ނިންމެވި އެވެ. ނަޝީދުގެ ހުށަހެޅުއްވުމުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ފިނޭންސް މިނިސްޓަރަކު އައްޔަން ކުރައްވަންދެން، ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކަމާ ބެހޭ ކޮމިޓީގައި މިހާރުން މިހާރަށް ފެށުމަށެވެ. އަދި ފިނޭންސް މިނިސްޓަރު އައްޔަން ކުރުމުން، ރަސްމީކޮށް ބަޖެޓްބަޔާން މަޖިލީހަށް ހުށަހަޅުއްވައިގެން ބަޖެޓްގެ ކަންތައް ކުރިއަށް ގެންގޮސް ނިންމުމަށް ވެސް ނަޝީދުގެ ހުށަހެޅުއްވުމުގައިވެ އެވެ.
މަހްމޫދު ރާޒީއަށް ބަޖެޓް ހުށަހެޅުއްވުމަށް ފުރުސަތު ދެއްވުމަށް ފާސްކުރުމާ ގުޅިގެން އެގޮތަށް އެކަން ނުނިންމޭނެ ކަމަށާއި އެކަމަކީ ގާނޫނާހިލާން ނިންމުމެއް ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ. އެހުށަހެޅުން ފާސްކުރުމާގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ މަޖިލީހުގެ އެ ނިންމުމަކީ ގަބޫލު ކުރެވޭނެ ނިންމުމެއް ނޫން ކަމަށާއި އެއީ ގާނޫނާހިލާފް ނިންމުމެއް ކަމަށެވެ. އަހްމަދު އާމިރުގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި މާވަށު ދާއިރާގެ މެންބަރު އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރު ވެސް ވިދާޅުވެފައި ވަނީ، މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަން ޖެހޭނީ ވަކި ބޭފުޅަކުކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވާތީ އެހެން ބޭފުޅަކަށް އެކަން ނުކުރެވޭނެ ކަމަށެވެ. ވިލުފުށީ ދާއިރާގެ މެންބަރު ވިދާޅުވީ، އެނިންމުމަކީ ގާނޫނު އަސާސީ އާ ހިލާފްނިންމުމެއް ކަމަށް ވާތީ އެނިންމުމުގައި ބައިވެރިވެ ވަޑައިނުގެނަންވާނެ ކަމަށެވެ. އަދި އޭނާ ވަނީ މަޖިލިސް އެނިންމުމުގައި ބަވައިވެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ މަޖިލިސް ދޫކުރައްވައި ވަޑައިގެންފަ އެވެ.