14:30


ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާހިދު، އެމްޑީޕީ މެންބަރުންނަށް ވަކި ނުކުރެވޭނެ ކަމަށާއި އެކަން ކުރުމަށް ބޭނުންވާ އަދަދަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީ އަށް ވޯޓު ނުލިބޭނެ ކަމަށް ޑީއާރުޕީގެ ނާއިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ކުރިއަށްގެންދިއުމުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނާޖާއިޒް ފައިދާ ނަންގަވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވައި، އަބްދުﷲ ޝާހިދުގެ އިތުބާރުނެއް ކަމުގެ ވޯޓެއް ނަގައި، އެ މަގާމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބުރާހިމް ގެނައުމުގެ ފިކުރެއް އެމްޑީޕީން ގެންގުޅޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫމުގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އިއްޔެ ވިދާޅުވެފައިވާތީ، އެ އަށް ރައްދު ދެއްވަމުން އިލްހާމް ވިދާޅުވީ، އެ ވާހަކަތަކަކީ އެމްޑީޕީ ބޭނުން ގޮތަށް މަޖިލީހުގެ ކަންތައްތައް ކުރިއަށް ނުދާތީ ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރިއަށްނުދާ ކޮންމެ ފަހަރަކު މަޖިލީހުގެ ރައީސް ބަދަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.


އޮޑިޓަރ ޖެނެރަލްގެ އިރުބާރުނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ތަޅުން ހޫނުވެ، މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގުމާ ގުޅިގެން އިއްޔެ އެމްޑީޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރީކޯ މޫސާ މަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިއްޔެގެ ޖަލްސާ އިއްޔެ ކުރިއަށްގެންދެވީ ވަކި މެންބަރުންތަކެއްގެ ނުފޫޒުން، ނާޖާއިޒް ފައިދާ ނަންގަވާފައިވާ ކަމަށެވެ. އެ ފަދަ މައްސަލަތައް ތަކުރާރު ވަމުންދާތީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ މަގާމުން ވަކި ކުރައްވައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް އެމަގާމު އައްޔަން ކުރުމަށް އެމްޑީޕީން ވިސްނުން ގެންގުޅޭ ކަމަށެވެ.


އަދި ގާސިމް އިބުރާހިމް އެ މަގާމަށް ގެންނަން ބޭނުން ވަނީ ވަކި ފިކުރެއްގެ މީހަކު، ނުފޫޒެއްނެތި އެ މަގާމުގައި ބެހެއްޓުން ކަމަށެވެ.


ރައްޔިތުގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބވިގެން ކަމަށް ވާތީ، އަވަސް މުސްތަގުބަލެއްގައި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ ކޮޅަށް ބަދަލުވެގެންދާނެ ކަމަށްގެ ޔަގީންކަން ވެސް މޫސަ އިއްޔެ ދެއްވި އެވެ.