23 Jan 2014, 22:12
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ބަލައި ފާސްކުރި މ. ޒިލިއަންގެއިން ހައްޔަރު ކުރި މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ކަނޑިތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކަނޑިތައް ފެނިފައި ވަނީ މިއަދު ހަވީރު 5:45 ހާއިރުން ފެށިގެން ފުލުހުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެއްގައި ޖޭޒް ރެސްޓޯރަންޓް ކައިރިން މ. ސްނޯ ކިޔާ ގެއެއްގެ ގުދަނެއް ބަލައި ފާސްކުރުމުން ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުން ފެނިފައި ވަނީ ދޮޅު ފޫޓާއި އެއް ފޫޓާ ދެމެދުގެ ކަނޑިތަކެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޒިލިއަންގެއިން ފުލުހުން ހޯދިތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަދަދެއްގެ ރުފިޔާ އާއި ޑޮލަރުތަކެއް ވެސް ހިމެނެއެވެ. އަދި ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ އާލާތްތަށް ވެސް ފެނިފައި ވެއެވެ.
އެގެއިން ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.