23 Jan 2014, 21:57
ޖަމިއްޔަތުލް ސަލަފާ ގުޅިގެން ރާއްޖޭގައި އިލްމީ ހަރަކާތްތައް ހިންގުމަށް ކެނެޑާގެ މަޝްހޫރު ދާއީ އަދި އިންޓަނޭޝަނަލް ލީޑަރުޝިޕް ޓްރެއިނަރެއް ކަމަށްވާ ޝެއިހް ވަލީދު އަބްދުލް ޙަކީމް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ޖަމިއްޔަތުއް ސަލަފުން ބުނީ "ދަތުރުކުރާ ޝެއިހް"ގެ ނަމުން މަޝްހޫރުވެފައިވާ ޝެއިހް ވަލީދު އަބްދުލްހަކީމް މިހާރު އޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި ޝެއިހް ރާއްޖެ ވަޑައިގަތުމަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރުސްތަކެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އެގޮތުން ވިލިނގިލީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޕީސް ފައުންޑޭޝަނާ ގުޅިގެން މާދަމާ ރޭ 8:45ގައި ވިލިނގިލީ ބޯޅަ ދަނޑުގައި ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސަލަފުން ބުންޏެވެ.
ސަލަފުން ބުނީ ޝެއިހް ފުވައްމުލަކާއި އައްޑޫ ސިޓީ އާއި މާލޭގައި ވެސް ދަރުސު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަލް މަދީނާ އިންޓަނޭޝަނަލް ޔުނިވާސިޓީގައި އިސްލާމިކް ސްޓަޑީޒް އިން މާސްޓާސް އަދި ޕީއެޗްޑީ ހައްދަވަމުންދާ ޝެއިހް ވަލީދު އަބްދުލް ހަކީމް މިހާތަނަށް ވަނީ އިސްލާމް ދީނުގެ ދައުވަތު ދިނުމުގެ ގޮތުން 50 އަށްވުރެ ގިނަ ގައުމަށް ދަތުރު ކުރައްވައިފަ އެވެ.