23 Jan 2014, 21:47
ރާއްޖެ އަށް ތެޔޮ ފޯރުކޮށްދިނުމަށް އިންޑިއާގެ ކުންފުންޏަކާ އެކު އެއްބަސްވެވިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އިންޑިއާ ސަރުކާރުގެ ރިފައިނަރީއެއް ކަމުގައިވާ "މެންގަލޫރު ރިފައިނަރީ އެންޑް ޕެޓްރޯކެމިކަލްސް" އެކު ދެކެވުނު ވާހަކަތަކުން ރާއްޖެ އަށް ތެޔޮ ފޯރުކޮށްދިނުމަށް އެ ކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުންފުންޏާ އެކު ކުރި މަޝްވަރާތަކުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އިދާރީގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށެވެ.
"ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގެ 99 ޕަސެންޓް މިހާރު ވަނީ ނިމިފައި. މިހާރު ކުރިއަށްދަނީ އެޑްމިނިސްޓްރޭޓިވްލީ ކުރަންޖެހޭ މަސައްކަތްތައް،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކުންފުނިން ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމަށް އެއްބަސްވީ ވަރަށް ކުޑަ ފްރައިޓެއްގައި ކަމަށާއި އެތަނުން ތެޔޮގަތްކަމުގައި ވިޔަސް މިހާރަށް ވުރެ ތެޔޮގެ އަގު ބޮޑުވެގެން ނުދާނެ ކަމަށެވެ.
އިދާރީގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނިމި ލަސްތަކެއް ނުވެ އިންޑިއާ އިން ތެޔޮގެނެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.