ލ. ކައްދޫގައި އަލިފާން ނިއްވުމުގެ ޚިދުމަތް އިފްތިތާޙްކޮށް ރާޑާ ސްޓޭޝަނެއްގެ ބިންގާ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓާޔަރޑް) މުޙައްމަދު ނާޒިމް މިއަދު އަޅުއްވައި ދެއްވައިފި އެވެ.

ރާޑާ ސްޓޭޝަނެއްގެ ބިންގާ އަޅުއްވައި ދެއްވުމަށް ފަހު ޑިފެންސް މިނިސްޓަރު ވިދާޅުވީ މިއަދު ފުރިހަމަވެގެން މިދިޔައީ ލ. އަތޮޅުގެ ރައްޔިތުން އެދިއެދި ތިބި ވަރަށް ބޮޑު އުންމީދެއް ކަމަށާއި އަދި މިއީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި ސިފައިން ކުރަމުންދާ މަސައްކަތުގެ ޗޭނަށް އިތުރު ކުރެވުނު ބޮޅެއް ކަމަށެވެ.

އަދި ޑިފެންސް މިނިސްޓަރު ވިދާޅުވީ ލ. ކައްދޫގައި ފަޔާ ސްޓޭޝަނެއް ހުޅުވުމަކީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ހާޞިލްކުރުމަށް ބޭނުންވި މުހިންމު ލަނޑުދަނޑިއެއް ކަމަށާއި މިއަދު ހުޅުވި ފަޔާ ސްޓޭޝަނާ އެކު ރާއްޖޭގެ ހަތް އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ޤާއިމް ކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު ފަޔާ ސްޓޭޝަންތައް ހުޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ލަސްތަކެއްނުވެ ގއ. ވިލިނގިލީގައި ވެސް ފަޔާ ސްޓޭޝަނެއް ހުޅުވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި ކަމަށް ޑިފެންސް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އަލިފާން ނިއްވުމުގެ ޚިދުމަތް ގާއިމްކުރުން ކަމަށާއި ކޮންމެ އަތޮޅެއްގައި ވެސް އެންމެ މަދުވެގެން އެއް ފަޔާ ސްޓޭޝަން ގާއިމްކޮށް އެ ފަޔާ ސްޓޭޝަން މެދުވެރިކޮށް މުޅި އަތޮޅަށް ޚިދުމަތް ފޯރުކޮށްދޭނެ ކަމަށާއި އަދި ފަޔާ ސްޓޭޝަންތައް ގާއިމް ނުކުރެވޭ ރަށްތަކުގައި "ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓަރުން" ތަމްރީނު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ހަމައެއާ އެކު ލ. ކައްދޫގައި ހުޅުވި ފަޔާ ސްޓޭޝަންގައި މަސައްކަތްކުރުމަށް ޓަކައި 15 އޮގްޒިލަރީ ފަޔާމަނުން ތަމްރީނު ކުރުމަށް ޓަކައި ވަޒީފާގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އެކަމުގެ ސަބަބުން ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.