މިހާތަނަށް ނުނިމިހުރި މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށް ގިނަ ލުއިތަކެއް ކޮންޓްރެކްޓަރުންނަށް ސަރުކާރުން ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓަރީގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވީ ޑޮލަރުގެ އަގަށް އައި ބަދަލާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިގެން ދިއުމާއި ނިމިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭން ހިލަ އާއި ހިލަވެލި ލިބުން ދަތިވުމުގެ ސަބަބުން އިމާރާތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ކަމަށެވެ.

މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން ނުނިމި ހުރި މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށާއި ކޮންޓްރެކްޓަރުންނަށް ފައިދާވާނެ ގޮތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނުނިމިހުރި މަޝްރޫއުތައް ހަވާލުކޮށްފައިތިބި ކޮންޓްރެކްޓަރުންނަށް ހައުސިން މިނިސްޓަރީން ދޭން ނިންމާފައިވާ ލުއިތައް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ 2011 ވަނަ އަހަރުގެ ފަހުން ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް ނުނިމިހުރި މަޝްރޫއު ތަކުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

އަންނަ މަހުން ފެށިގެން އެ މަޝްރޫއުތަކުގެ މުއްދަތެއް މިނިސްޓަރީ އާއި ކޮންޓްރެކްޓަރުންނާއި ދެ ފަރާތް އެއްބަސްވާ އެކަށީގެންވާ އައު ވޯކްޝެޑިއުލް ކަނޑައަޅައި އެ ހުށަހަޅައިގެން އެގްރިމަންޓާއި އެއްގޮތައް ކުރިއަގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން ވެގެންދާނީ ދެން ކަނޑައެޅޭ މުއްދަތާއި އެއްގޮތަށް ހުރިހާ ކޮންޓްރެކްޓަރުން ވާނެ މަސައްކަތްތައް ނިންމަ ދޭން. ވަރަށް ގިނަ މަޝްރޫއުތައް އޯޕީޕީން ބަލަހައްޓަމުން އެބަދޭ. އެ ހުރިހާ މަޝްރޫއުތައް އޭގެ ތެރޭގައި ހިމެނިގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިޒު ވިދާޅުވީ ޕާފާމަންސް ބޭންކް ގެރެންޓީއާ ބެހޭ މައްސަލަތަކެއް ވެސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ލުޔެއް ދިނުމަށް މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ނުނިމިހުރި މަސައްކަތްތަކުގެ ޖުމްލަ އަގުގެ ފަސް ޕަސެންޓް ޕާފާމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެ ބޭންކް ގެރެންޓީ ނުދައްކާ މަޝްރޫއު ނިންމުމަށް މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހައުސިން މިނިސްޓްރީން ކުރިން ޕާފާމަންސް ގެރެންޓީގެ ގޮތުގައި ނަގަމުން އައި މުޅި މަޝްރޫއުގެ ޕަސެންޓެއް ހުށަހަޅަން ޖެހޭ ގޮތަށެވެ.

މިނިސްޓަރީން ބުނީ މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހުއްޓިފައި އެބަ ހުރި ކަމަށެވެ. އަދި މަޝްރޫއުތަކުގެ މުއްދަތު އިތުރު ނުކުރުމުގެ ސަބަބުން ރައްޔިތުންނަށާއި ކޮންޓްރެކްޓަރުންގެ އިތުރުން ދައުލަތަށް ވެސް ގެއްލުންތަކެއްވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

"ދެން ހުށަހެޅޭ އަގުތައް މިހާރު ހުށަހެޅިފައިވާ އަގުތަކަށްވުރެ ބޮޑުވެގެންދާނެ. ދެން މިހާރު ކުރެވިފައި ހުރި ހިސާބުން މަސައްކަތް ވަކިކުރުމަށްފަހު ޓެންޑާ މަސައްކަތްތައް ނިންމާފައި ބަޔަކާއި ހަވާލުކޮށްގެން އަލުން މަސައްކަތް ނިންމުމަށް އަހަރެއްހާ ދުވަސް ވެގެން ދިއުން އެކަށީގެންވޭ،" މިނިސްޓަރީން ބުންޏެވެ.

ހައުސިން މިނިސްޓަރީން ބުނީ 62 ޕްރޮޖެކްޓެއް މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަވާލުކޮށްފައިވާއިރު އޭގެ ތެރެއިން 40 ވަރަކަށް މައްސަލަ ސަބަބުތަކާއި ހެދި ހުއްޓިފައިވާ ކަމަށެވެ. އަދި ހުއްޓިފައި ހުރި ގިނަ މައްސަލަތައް ހުރީ 85 ޕަސެންޓްގެ މަސައްކަތް ނިމިފައި ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.