ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު (ހަސަންބެ)ގެ ގެއިން ވަގަށް ނެގި ފައިސާތައް، އޭނާ މަރާލިކަމަށް ތުހުމަތު ކުރެވޭ ލ. އިސްދޫ އެވަލާސްޓު މުހައްމަދު ފައިސަލް ދިރިއުޅޭ ގޭގެ ގިފިލިތެރޭގައި ވަޅުލާފައި ހުއްޓައި ފެނުނު ކަމަށް ދެ ފުލުހަކު މިއަދު ހެކިބަސްދީފި އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 އެހައިކަންހާއިރު ހަސަންބެ މަރާލިކަމުގެ ތުހުމަތުގައި ފައިސަލްގެ އިތުރުން ދައުވާ ކޮށްފައި ވަނީ ގ. އިރުފާ އަހްމަދު ނައުޝާދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެމުން ފުލުހުންގެ ދެ އޮފިސަރަކު ވިދާޅުވީ ގިފިލިތެރޭގައި ފައިސާ ހުރިކަމަށް ފައިސަލް ބުނެފައި ވަނީ ހަސަން އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ސުވާލުކުރުމުން ކަމަށެވެ.

ފައިސަލް ދިރިއުޅޭ ގޭގެ ގިފިލިތެރޭގައި ވަޅުލާފައި ހުރި ދަޅެއްގެ ތެރެއިން 4،500ރ. ފެނިފައިވާއިރު ހަމަ އެތަނުގައި އޮތް ފަޓުލޫނަކުން 230ރ. ފެނިފައިވާ ކަމަށް ވެސް އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސަލް ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު އެނދު ދަށުގައި ހުރި ފޮއްޓެއްގެ ތެރެއިން ވެސް 500ރ. ފެނުނު ކަމަށެވެ.

"ފައިސަލް ބުނީ ހަސަންބެ މެންގެ ގެއިން ނެގި ލާރިއޭ. ނަގާފަ ގިފިލިތެރޭގަ ވަޅުލާފައޭ ހުރީ،" އޮފިސަރު ވިދާޅުވި އެވެ.

އެ ދެ މީހުންގެ މައްޗަށް ވެސް ދައުލަތުން ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައި ވަނީ ހަސަން އަބޫބަކުރު ރަހީނު ކުރުމަށްފަހު އެ ދެ މީހުން އޭނާ މާރާލާފައިވާ ކަމަށް ތުހުމަތު ކޮށެވެ.

ހެކިބަސްދެމުން ފުލުސް އޮފިސަރަކު ވިދާޅުވީ ތަހުގީގުގައި ސުވާލުކުރުމުން ހަސަން އަބޫބަކުރު މަރާލުމުގެ އަމަލުގައި ބައިވެރިވި މިންވަރު ފައިސަލް ކިޔައިދީފައިވާ ކަމަށެވެ. އަދި ވަގަށްނެގި ފައިސާތައް ޚަރަދުކުރި ގޮތް ވެސް ކިޔައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަސަން އަބޫބަކުރުގެ ގެ ޗެކްކުރި އިރު އެ ދެ މީހުންގެ ތެރެއިން ނައުޝާދު ގެންގުޅޭ އިސްކުރު އަނބުރާ ކަށިގަނޑެއް ވެސް ފެނިފައިވާ ކަމަށާއި ތަހުގީގުގައި ނައުޝާދު އެކަމަށް ވެސް އިއުތިރާފުވި ކަމަށެވެ. އަދި އޭނާގެ އަންހެނުންނާ ސުވާލުކުރުމުން އެއީ ނައުޝާދު ގެންގުޅޭ އެއްޗެއްކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާފަރު ކޯޓު މުދުވެރިކޮށް އޯޑިއޯ ކޮންފަރެންސްކޮށް ހެކިބަސްދެމުން އެރަށު މީހަކު ބުނީ ހަސަންބެ މަރުވުމުގެކުރިން އޭނައާ ބައްދަލުވެ ވާހަކަދައްކައި ހަދާފައިވާ ކަމަށެވެ. އެގޮތުން "ނައުޝާދު ހާނިއްކަ ކުރާވަރުން އުޅެވޭކަށް ނެތް" ކަމަށް ހަސަންބެ އޭނާގާތު ބުނެފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

ނައުޝާދާ ހެދި ގޭގައި ފައިސާ ބެހެއްޓެން ނެތްކަމަށާއި އަދި އޭނާ ބިރުދައްކާ ހަދާތީ އެކަމާ އުނދަގޫވެގެން ހަސަންބެ އެވާހަކަތައް އޭނައަށް ކިޔައިދީފައިވާ ކަމަށް ވެސް ހެކިބަސް ދިން މީހާ ބުންޏެވެ.

ހަސަންބެ މަރުވެފައި އޮއްވައި އެގޭތެރެއަށް ވަތް ބައެއް މީހުން ވެސް ވަނީ މިއަދު ހެކިބަސްދީފަ އެވެ. ހެކިބަސް ދިން މީހުން ބުނީ ހަސަންބެގެ އަނގަ މަތީގައި ފޮތިގަނޑެއް އަޅާފައި އޮތް އިރު އެ ފޮތިގަނޑުގެ އެއްބައި އޮތީ އަނގައިގެ ތެރެއަށް ކޮއްޕާލާފައި ކަމަށެވެ. އަދި ބުނެފައި ވަނީ އަނގަޔާއި ފޮތިގަނޑުގައި ލޭ ވެސް ހުރި ކަމަށެވެ.

ހެކިބަސް ދެމުން ހަސަންގެ ގާތް ރަހުމަތްތެރިޔަކު ބުނީ ދެ ދުވަހަކު ނައުޝާދު އޭނާގެ ފޮށި ފަޅާލައިގެން ވައްކަންކޮށްފައިވާ ކަމަށް ހަސަންބެ އޭނާގާތު ކިޔައިދީފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ކަމާބެހޭ ފަރާތަށް ހުށަހެޅުމާ ބެހޭގޮތުން ސުވާލުކުރުމުން އަންހެނުންގެ އެދުމުގެމަތިން މައްސަލަ ހުށަހަޅަން ބޭނުންނުވާ ކަމަށް ހަސަންބެ ބުނެފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވައިލައްވަމުން ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒް ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.