ގޯއްޗެއް ގަނެދޭނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި ކަމުގެ ތުހުމަތުގައި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ގޯއްޗެއް ގަނެދޭނެކަމަށް ބުނެ މީހެއްގެ އަތުން 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގުމަށްފަހު، އެ ގޯތިގަނެނުދީ އެ ފައިސާ އޭނާ ބޭނުންކޮށްފައިވާ ކަމަށެވެ.

ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން އިސްމާއީލް އަބްދުއްލަތީފް ބުނީ އެ މައްސަލައަށް ޖަވާބުދާރީވާން ބޭނުންވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރުމަށް އޭނާ އަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެތަށް ބައެއްގެ އަތުން ފައިސާ އަތުލުމަށްފަހު އެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ.