އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއި މެކްސިކޯ ސަރުކާރާއި އަދި ބައިނަލް އަގުވާމީ ކޯޓް އަމުރަކާ ދެކޮޅަށް އެމެރިކާގެ ޓެކްސަސްގައި މެކްސިކޯ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ. އޭނާއަށް މަރުގެ އަދަބު ދިނީ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ.

މެކްސިކޯގެ ރައްޔިތެއް ކަމަށްވާ އުމުރުން 46 އަހަރުގެ އެޑްގާރް އެރިއަސް ޓަމަޔޯ މެރުމަށް ޓެކްސަސްގެ ކޯޓަކުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރީ އިއްޔެ އެވެ. އޭނާއަށް މަރުގެ އަދަބު ދިނުމުން މެކްސިކޯއާ އެމެރިކާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފާނެތީ އެކަން ނުކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެ ހުކުމް ތަންފީޒުކޮށްފައި ވަނީ އޭނާ މެރުމަށް ކޮށްފައިވާ ހުކުމް އަލުން މުރާޖައާ ކުރުމަށް އދ.ގެ ކޯޓަކުން ވެސް އަމުރުކޮށްފައި ވަނިކޮށް ކަމަށް އެމެރިކާގެ ނިއުޔޯކްޓައިމްސް ބުންޏެވެ.

އދ.ގެ ކޯޓުން 2004 ވަނަ އަހަރު ކޮށްފައިވާ އެއަމުރަކީ ސީދާގޮތެއްގައި ޓެކްސަސްގެ ސަރަހައްދީ ސަރުކާރަށް ރަށްދުވާ އަމުރެއް ނޫން ކަމަށް އެސްޓޭޓުގެ އެޓާނީ ޖެނެރަލް ގްރެގް އެބޮޓް ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާގެ އެ ރައުޔަށް އެމެރިކާގެ ސްޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

ޓަމަޔޯ މެރުމަށް ޓެކްސަސްގެ ކޯޓަކުން 1994 ވަނަ އަހަރު ހުކުމް ކުރީ ގައި ޕީ ގާޑިސް ނަމަކަށް ކިޔާ ފުލުހުންގެ އޮފިސަރަކަށް ފިސްތޯލައަކުން ހަމަލަދީ މަރާލުމުންނެވެ. ޓަމަޔޯގެ ހަމަލާގައި މަރުވި ފުލުސް އޮފިސަރު ބައްޕައަކަށް ވާން އުޅޭ ކަމުގެ ހަބަރު ލިބިފައި ވަނީ އޭގެ ހަތަރުދުވަސް ކުރިން ކަމަށް ނިއުޔޯކް ޓައިމްސްގެ ހަބަރުގައި ވެއެވެ. އެހަބަރުގައި ވާގޮތުން ގާޑިސްގެ އުމުރަކީ އެންމެ 24 އަހަރެވެ.

"ބޮލުގެ ފަހަތަށް (ފުއްކިބައަށް) ތިން ފަހަރަށް ބަޑި ޖެހީ، ހަމަ އެކަނި ފުލުސް އޮފިސަރެއްގެ ހައިސިއްޔަތުން އޭނާގެ ވަޒީފާ އަދާކުރީތީ،" ޓަމަޔޯއަށް މަރުގެ އަދަބު ދިނުމާ ގުޅިގެން ހައުސްޓަން ޕޮލިސް އޮފިސާސް ޔޫނިއަންގެ ރައީސް ރޭ ހަންޓް ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ޓަމަޔޯއަކީ ޓެކްސަސްގައި ފާއިތުވި 30 އަހަރުގެ ތެރޭގައި މަރުގެ އަދަބު ދިން 509 ވަނަ މީހާއެވެ. އަދި އޭނާއަކީ އެސްޓޭޓުގައި މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ތެރެއިން 21 ވަނަ މީހާއެވެ.