23 Jan 2014, 16:50
ސުޕްރީމް ކޯޓުން މީހަކު މެރުމަށް ހުކުމްކޮށްފި ނަމަ، އެ ހުކުމް ތަންފީޒު ކުރުމަކީ ގައުމުގެ "ވަލިއްޔުލް އަމްރު" ގެ ޒިންމާ އެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒް ކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ނިންމަވާނީ ގައުމުގެ ވަލިއްޔުލް އަމްރު ކަމަށެވެ. އަދި އެކަމާއި ސުވާލު ކުރަން ވެސް ޖެހޭނީ އެމަނިކުފާނާއި ކަމށް މޫސަ ވިދާޅުވި އެވެ.
"މަރުގެ ހުކުމް ތަންފީޒް ކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ނިންމަވާނީ ގައުމުގެ ވަލީޢުލް އަމްރު. އެއީ އަޅުގަނޑުމެންނާއި ބެހޭ މައްސަލަ އެއް ނޫން. އެކަމާއި ސުވާލު ކުރައްވަން ޖެހޭނީ ވަލިއްޔުލް އަމްރު އާއި" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި މިއަދު ހޯމް މިނިސްޓަރު ނެރުއްވި އަމުރާއި މެދު އެމްޑީޕީން އެއް ވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި މިއަދު އެ ނިންމި ނިންމުމާއިމެދު އެމްޑީޕީގެ ގައުމީ މަޖިލިސްގައި ވެސް މަޝްވަރާ ނުކުރާނެ ކަމަށާއި އެއީ އެ ޕާޓީން ބަސް ބުނަން ޖެހޭ މައްސަލަ އެއް ނޫން ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމް އިސްލާހު ކުރަން ކަމަށާއި އަދި އެ ޕާޓީން ބޭނުންވަނީ ރާއްޖޭގައި އަދުލުވެރި ޝަރުޢީ ނިޒާމެއް ގާއިމު ވެގެން ދިއުން ކަމަށެވެ. މީގެއިތުރުން އަދުލުވެރި ކަމާއެކު ނިންމާ ކޮންމެ ނިންމުމަކަށް އެމްޑީޕީން ތާއީދު ކުރާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.
އެމްޑީޕީން މިހެން ބުނެފައި މިވަނީ ސުޕްރީމް ކޯޓުން މީހަކު މެރުމަށް ހުކުމްކޮށްފި ނަމަ، އެ ހުކުމް ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހޯމް މިނިސްޓްރީން މިއަދު އަމުރު ނެރުމާއި ގުޅިގެންނެވެ.
މީޑިއާގެ ކުރިމަތީގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައި ވަނީ "ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މީހަކު މެރުމަށް ނިޔާ ކަނޑައަޅައި ހުކުމެއް ކޮށްފި ނަމަ އެހުކުމް ތަންފީޒު ކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެން" ކަމަށެވެ.