23 Jan 2014, 16:47
ކުރީގެ ބަންޑާރަ ނާއިބު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދަށް ޝަރުއީ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތަށް ސުޕްރީމް ކޯޓުން ސަސްޕެންޑްކޮށް، އޭނާގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވައިފި އެވެ.
ސުއޫދު ސަސްޕެންޑްކޮށްފައި ވަނީ މުއްދަތެއް ކަނޑައެޅުމަކާ ނުލައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުއޫދު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ސަސްޕެންޑްކޮށް މިއަދު ސުޕްރީމް ކޯޓުން ލިއުމުން އަންގާފައިވާ ކަމަށާއި އޭނާ ސަސްޕެންޑް ކުރީ އޭނާ ކުރެއްވި ޓުވީޓަކަށް ތުހުމަތުކޮށް ކަމަށެވެ. ނަމަވެސް ސުއޫދު ވިދާޅުވީ އޭނާ އެއްވެސް ޓުވީޓެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
ސުއޫދު ސަސްޕެންޑްކޮށްފައި ވަނީ ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީ އިން ހުށަހެޅި މައްސަލައާ ގުޅިގެން އޭނާ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ނަމަވެސް ފަހުން ސުއޫދު ވިދާޅުވަނީ އެއީ އޭނާ ކުރެއްވި ޓުވީޓެއް ނޫން ކަމަށާއި އެއީ އޭނާގެ ނަމުގައި އެހެން މީހަކު ކުރި ޓުވީޓެއް ކަމަށެވެ.
ސުއޫދު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލު ކުރި މައްސަލައާ ގުޅޭ ގޮތުން، ޕޯޑިއަމްތަކުގައި ފާޑުވިދާޅުވި، އެމްޑީޕީގެ ލީގަލް ޓީމްގައި ހިމެނޭ ހިސާން ހުސައިން އާއި ހަސަން ލަތީފަށް ނަސޭހަތް ދެއްވައި އެ ދެބޭފުޅުންނަށް ކޯޓަށް ވަޑައިގެންނެވޭ ގޮތަށް ހަމަޖެއްސި ކަމަށާއި ހަމަހަމަ އުސޫލެއް ވެސް ނޫން ކަމަށެވެ.
ސުއޫދުގެ ނަމުގައި ސުޕްރީމް ކޯޓަށް ފާޑުވިދާޅުވި އިރު، އޭނާ އޭރު ގެންދެވީ އެ ކޯޓުގައި އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރައްވަމުންނެވެ.
އެ ބޭފުޅުން ސަސްޕެންޑް ކުރި މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.