23 Jan 2014, 15:42
ސަރުކާރާއި ދައުލަތު މިނިވަން މުއްއައްސާތަކާއި އެ ނޫން މުވައްޒަފުންގެ މުސާރަ އެއް ހަމައަކަށް ފެއްތުމަށް މުސާރައިގެ އޮނިގަނޑު މުރާޖާ ކުރަނަ ފައްޓަވާފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ބައެއް ސްކޫލްތަކަށް މިއަދު ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޑރ. ޖަމީލު ވިދާޅުވީ ސަރުކާރުން ކޮމެޓީއެއް އެކުލަވާލުމަށް ފަހު، އެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
"މީގެ ބޭނުމަކީ ދައުލަތުގެ އެންމެހާ މުވައްޒަފުންނަކީ ވެސް އެއް ހަމައަކުން މުއާމަލާތުކުރެވޭ، އެއް ވައްތަރެއްގެ، އެއް އޮނިގަނޑެއްގެ ވަޒީފާއެއް އަދާކުރާ ބަޔަކަށްވާ ނަމަ މުސާރައިގެ ހަމަހަމަކަން ގާއިމްވެގެން ދިއުން. އެހެންވެ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މަސައްކަތް ވެސް ކުރިއަށްދާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
ނާއިބު ރައީސް ވިދާޅުވީ މިސަރުކާރުން ޓީޗަރުންނަށް އޮތް ފުރުސަތުތައް ފުޅާކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ޕޭ ލީވްގައި ޓީޗަރުންނަށް ކިޔަވަން ދިއުމުގެ ފުރުސަތު ހަމަޖައްސަވާފައިވާ ކަމަށެވެ.