23 Jan 2014, 14:57
ސޮނީން މިއަހަރު އަލަށް ނެރޭ ސްމާޓް ފޯނުގައި 4 ކޭ ވީޑިއޯ ރެކޯޑުކުރެވޭނެ ކަމަށް އެކްސްޕީރިއާ ބްލޮގްއިން ބުނެފި އެވެ.
ކޯޑް ނަމަކަށް “ސިރިއަސް” ނުވަތަ “ޑީ6503” ގެ ނަން ދެވިފައިވާ މި ފޯނުގެ މައުލޫމާތާއި ފޮޓޯތައް އެކްސްޕީރިއާ ބްލޮގުން ލީކު ކޮށްލައިފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ ބްލޮގުން ބުނިގޮތުގައި ސޮނީގެ އައު ފޯނު ނުކުންނާނީ އެންޑްރޮއިޑް 4.4.2 ކިޓްކެޓް ސޮފްޓްވެއާ އާ އެކުގަ އެވެ. އަދި 4 ކޭ ވީޑިއޯ ރެކޯޑް ކުރެވުމުގެ އިތުރުން އަވަސް ފްރޭމް ރޭޓެއްގައި ވީޑިއީ ނެގޭ، ވީޑިއޯ ލަސްކޮށް، ސްލޯ މޯޝަންގައި ނެގޭ“ޓައިމްޝިފްޓް ވީޑިއޯ” ކިޔާ މޯޑެއްވެސް އޭގައި އެކުލެވިގެންވެ އެވެ.
ފޯނެއް އައުމުން ފޯނު ނަގައި ކަންފަތާ ކައިރިކޮށްލުމުން ފޯނަށްޖަވާބުދެވޭ ފަދަ ފީޗާއެއް ވެސް މި ފޯނުގައި ހުންނާނެ އެވެ. “ސްމާޓް ކޯލް ހެންޑްލިން” ކިޔުނު މި ފީޗާ އިން، ފޯނެއް އައުމުން ނުނަގާ ކަނޑައިލަން ބޭނުންވެއްޖެ ނަމަ ފޯނު ތަޅުވާލުމުން އެ ކޯލް ކަނޑައިލެވެ އެވެ. އަދި ފޯނު ބަންޑުން ބާއްވައިފި ނަމަ ފޯނު މިއުޓް ވާނެ ކަމަށް ވެސް އެކްސްޕީރިއާ ބްލޮގުން ހާމަކުރެ އެވެ.
ފޯނު ނުނަގައިފި ނަމަ މެސެޖް ރެކޯޑު ކުރެވޭ އާންސަރިން މެޝިނެއް ވެސް މި ފޯނުގައި ވަނީ ހިމަނާފަ އެވެ. އަދި ސްކްރީންގައި އިނގިލިން ދެފަހަރު ޖަހާލުމުން ފޯނު އޮން ވުމާއި، “ސްމާޓް ބެކްލައިޓް ކޮންޓްރޯލް” ފަދަ އެހެނިހެން ފީޗާތައް ވެސް މި ފޯނުގައި ވެއެވެ.
އެކްސްޕީރިއާ ބްލޮގް އިން އިތުރަށް ހާމަ ކުރިގޮތުގައި މި ފޯނުގައި ހުންނާނީ ކުއަލްކޮމްގެ 2.3 ގިގަހާޓްޒްގެ ކުއަޑްކޯ ސްނެޕްޑްރެގަން ޕްރޮސެސާ އެކެވެ. އަދި 3 ޖީބީގެ ރެމް އާއި 20.7 މެގަޕިކްސެލްގެ ކެމެރާއަކާ 5.2 އިންޗީގެ 1080 ޕީއެޗް ޑީ ސްކްރީން އެއްވެސް ފޯނުގައި ހުންނާނެއެވެ.
ސޮނީން މި ފޯނު ނެރޭނެ ދުވަހެއް އިއުލާނުކޮށްފައި ނުވާއިރު އާއްމުގޮތެއްގައި އެ ކުންފުނީގެ އަހަރީ އާ ފޯނު ދައްކައިލަނީ މޮބައިލް ވޯލްޑް ކޮންގްރެސްގަ އެވެ. މި ބައްދަލުވުން މިއަހަރު އޮންނާނީ ފެބްރުއަރީ މަހު 24 އިން 27 އަށް، ސްޕެއިންގެ ބާސަލޯނާގަ އެވެ.