އީ- ސްކިލް ޕްރޮގްރާމްގެ ނަމުގައި ނޭޝަނަލް ސެންޓާ ފޮ އިންފޯމޭޝަން ޓެކްނޮލްޖީ (އެންސީޓީއައި) އިން އިސްނަގައިގެން ވަޒީފާ އަދާކުރާ މީހުންނަށް ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

"ވޯކާ ސްކިލް ޕްރޮގްރާމް"ގެ ނަމުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލެޖީ (އައިސީޓީ)ގެ އެހީގައި ގޭގޭގައި ތިބެގެން ވަޒީފާ އަދާކުރުމަށް ބޭނުންވާ ފަންނީ ހުނަރު އުނގަންނައި ދިނުމަށް ޓަކައި އެންސީއައިޓީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދަން ނިންމާފައިވާ އެ ޕްރޮގްރާމްގެ މަޝަވަރާ ބައްދަލުވުމެއް ސްޓެލްކޯގައި މިއަދު ވަނީ ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީގެ ނައިބު މުހަންމަދު އަސްމަލީ ވިދާޅުވީ މި ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް ޓަކައި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި އައިސީޓީ އަށް ސަރުކާރުން އަޅާ ފުރަތަމަ ފިޔަވަޅަކީ އީ ވޯކާ ސްކިލް ޕްރޮގްރާމް ފެށުންކަމުގަ އެވެ. އަދި އެ ޕްރޮގްރާމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ގޭގައި މަސައްކަތް ކުރުމަށް މަގުފަހިކުރުމަށް ޓަކައި ކުރާ މަސައްކަތެއްގެ ފެށުން ކަމާއި އެފަދަ މަސައްކަތެއް އައިސީޓީގެ ހުނަރުތައް ދަސްކޮށްދީގެން މެނުވީ މަސައްކަތް ތެރިންނާއި ވަޒީފާދޭ ފަރާތްތަކާ ގުޅުވައި ދިނުމަށް ދަތިވާނެކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ޕްރޮގްރާމްގެ އަނެއް މަގްސަދަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަކީ ވެސް ބޭރު ގައުމުތަކުގައި މަސައްކަތްކުރާ މީހުން ފަދައިން ޒަމާނީ ޓެކްނޮލޮޖީގެ ފައިދާ އުފެއްދުންތެރިކޮށް ލިބިގަންނަ ބައެއްކަމުގައި ހެދުން ކަމަށެވެ. އަދި އައިސީޓީގެ ހުނަރު ލިބިގެން ރައްކާތެރިކަމާ އެކުގައި އިންޓަނެޓް މެދިވެރިކޮށް ވަޒީފާ އަދާކުރުމުގެ ހުނަރު ލިބިގެންވާ އީ- ސިޓިޒަނުންނަށް ހެދުންކަމަކީ ވެސް އެ ޕޮރޮގްރާމްގެ މައިގަނޑު އެއް މަގްސަދު ކަމަށެވެ.

އެހެންކަމުން އެ ޕޮރޮގްރާމްގެ ސަބަބުން އެ ހުނަރުތައް ދަސްކުރުމަށް ސިވިލްސާވިސްގެ ހުރިހާ މުއައްޒަފުންނަށް ވެސް މަގުފައިވެގެން ދާނެ އެވެ.

އެ ޕޮރޮގްރާމް އިންތިޒާމްކޮށް ކުރިޔަށް ގެންދިއުމަށް ޓަކައި އެކަމާ ގުޅުން ހުރި ބައެއް ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތްތައްކޮށް ގެޒެޓް ކުރުމަށް ޓަކައި ރައީސް އޮފީހަށް މިހާރު ފޮނުވިފައިވާ ކަމަށް އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިވިލްސާވިސް ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު ލަތީފް ވިދާޅުވި އެވެ.