ރާއްޖޭގައި ޕީއެޗްޑީއަށް ކިޔަވާ ދަރިވަރެއްގެ ފައިނަލް ޕްރޮޕޯޒަލް ފުރަތަމަ ފަހަރަށް އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެ ޝަރަފު ލިބިފައިވަނީ ދިވެހި ގައުމީ ޔުނިވާސިޓީގައި، ތައުލީމީ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވަމުން އަންނަ ދަރިވަރު ސުނީނާ ރަޝީދު (ސުނީ) 35، އެވެ. ސުނީ އަކީ ޔުނިވާސިޓީގައި ޕީއެޗްޑީ އަށް ކިޔަވަމުން އަންނަ ދެ ދަރިވަރުންގެ ތެރެއިން ފުލްޓައިމްކޮށް ކިޔަވަމުން އަންނަ ހަމައެކަނި ދަރިވަރުވެސްމެ އެވެ.

ސުނީ ވަނީ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި އޭނާގެ ޕީއެޗްޑީ ޕްރޮޕޯސަލް އިއްޔެ ހުށަހަޅައިފަ އެވެ. އޭނާގެ ޕީއެޗްޑީ ޕްރޮޕޯޒަލް ތައްޔާރުކޮށްފައިވާ މައުލޫއަކީ "ދަ ޕްރެކްޓިކަމް އިން ޓީޗާ އެޑިއުކޭޝަން އިން ދަ މޯލްޑިވްސް: ކަރަންޓް ޕްރެކްޓިސެސް، އިޝޫސް އެންޑް ފިއުޗާ ޑިރެކްޝަންސް" އަށެވެ.

ސުނީގެ ޕީއެޗްޑީ ޕްރޮޕޯސަލްއަށް ކުދިކުދި ބަދަލުތައް ގެނައުމަށް ލަފާދިނުމަށް ފަހު، ފައިނަލް ޕްރޮޕޯސަލް ފާސްކޮށްދިނީ އޭނާގެ އެކްސްޓާނަލް ސުޕަވައިޒަރު އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބްރިސްޓަލްގެ ޕްރޮފެސަރު މައިކަލް ކްރޮސްލީ އާއި ރާއްޖޭގެ ހަތަރު ބޭފުޅަކު ހިމެނިވަޑައިގެންނެވި ހާއްސަ ޕެނަލަކުންނެވެ.

ޕީއެޗްޑީ ކޯހުގައި ސުނީގެ ހަތަރު ސުޕަވައިޒަރުން ހިމެނޭއިރު ޕްރިންސިޕަލް ސުޕަވައިޒަރަކީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފެވެ. އަދި ކޯ ސުޕަވައިޒަރުންގެ ގޮތުގައި ހިމެނެނީ ޑރ. ހަސަން ހަމީދާއި ޑރ. ނާޝިޔާ މުހައްމަދެވެ. މީގެ އިތުރުން މިނިވަން އޮބްޒާވަރެއްގެ ގޮތުގައި ހިމެނެނީ ޕީއެޗްޑީ ހޯލްޑަރެއް ކަމަށްވާ ޑރ. މުއާވިއަތު މުހައްމަދެވެ. އެ ހަތަރު ބޭފުޅުން ވެސް ޕްރޮޕޯޒަލް ފާސްކުރި ކޮމެޓީގައި ހިމެނިވަޑައިގަންނަވަ އެވެ.

ޕްރޮޕޯޒަލް ހުށަހެޅުމަށްފަހު ސުނީ އޭނާގެ އިހްސާސްތައް ސަން އަށް ހިއްސާކުރި އެވެ. އޭނާ ބުނީ، މިއީ ބޮޑު އޮޑިޓޭރިއަމް އަކާ ކުރިމަތިލި ފުރަތަމަ ފަހަރުކަމުން ކުޑަކޮށް ޖެހިލުންވި ކަމަށެވެ. ނަމަވެސް ރާއްޖޭގައި ފުރަތަމަ ފާސްކުރި ޕްރޮޕޯޒަލް އަށްވެފައި އަދި އެކްސްޓާނަލް ސުޕަވައިޒަރު ޕްރޮފެސަރު މައިކަލް ކްރޮސްލީގެ ފަރާތުން ލިބުނު ތައުރީފުން ވަރަށް އުފާވި ކަމަށް ސުނީ ބުންޏެވެ.


"ޕްރޮފެސަރު ބުނީ ވަރަށް މޮޅޭ، އިޓް ވޯސް މާވެލަސް އޭ. އެހެން ބުނީމަ ހިތައްއެރި، އައި ހޭވް ޑަން އަ ގުޑް ޖޮބް އޭ." ދެ ކުދިންގެ މަންމަ ބުންޏެވެ.

ސުނީ ބުނީ ޓީޗިން ޕްރެކްޓިސްއާ ގުޅޭ ގޮތުން ހާއްސަ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތުމުން ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖޭގައި ޓީޗިން ޕްރެކްޓިސްގައި ކުދިކުދި މައްސަލަތަކެއް އުޅޭ ކަމަށާއި އެކަންތައްތައް ފެންނާނީ ހޯދައި ބަލައިގެން ކަމަށް އޭނާ ބުންޏެވެ.

ތައުލީމީ ދާއިރާގެ ގިނަ ހަރުފަތްތަކެއް ގިރާކޮށް ތަޖުރިބާތަކެއް ލިބިފައިވާ ސުނީއަށް ޔުނިވާސިޓީން ޕީއެޗްޑީ ކޯސް ލިބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އަދި ކިޔަވަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

ސީއެޗްއެސްސީ ސުޕަވައިޒަރެއްގެ މަގާމުގައި ހުއްޓައި ރައީސުލްޖުމްހޫރިއްޔާގެ ރިސާޗް ސްކޮލަޝިޕްގެ ގޮތުގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބުނު ސުނީނާ ބުނީ ތިން އަހަރު ދުވަހުގެ ޕްރޮގްރާމް ނިންމާލައި ތީސިސް ހުށަހަޅާނީ ޖުލައި 2016ގައި ކަމަށެވެ.