މާލޭގެ ބައެއް ސްކޫލްތަކަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޒިޔާރަތް ކުރައްވައިފި އެވެ.

ނައިބް ރައީސް މިއަދު ޒިޔާރަތްކޮށްފައިވާ ސްކޫލްތަކަކީ މަޖީދިއްޔާ ސްކޫލާއި އަހުމަދިއްޔާ ސްކޫލުގެ އިތުރުން ބިލަބޮންގް ހައި އިންޓަނޭޝަނަށް ސްކޫލެވެ. އެ ސްކޫލްތަކަށް ކުރެއްވި ޒިޔާރަތުގައި ނައިބް ރައީސް ވަނީ އެ ސްކޫލްތަކުގެ އިސްވެރިންނާ އެކު ބައްދަލުވުންތަކެއް ބާއްވާފަ އެވެ. އެ ބައްދަލުވުންތަކުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސްކޫލްތަކަށް ކުރެއްވި ޒިޔާރަތަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ އެ ޒިޔާރަތަކީ ސްކޫލްތަކުގެ ހާލަތު ބައްލަވާލައްވައި ޓީޗަރުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާލެއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށެވެ. އަދި މިސަރުކާރުން ޓީޗަރުންނަށް އޮތް ފުރުސަތުތައް ފުޅާކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ޕޭ ލީވްގައި ޓީޗަރުންނަށް ކިޔަވަން ދިއުމުގެ ފުރުސަތު ހަމަޖައްސަވާފައިވާ ކަމަށެވެ.

ނައިބް ރައީސްގެ ވާހަކައި ވަނީ ދައުލަތުގެ ބަޖެޓް މި އަހަރަށް ފާސްކޮށްފައިވީ ނަމަވެސް އާމްދަނީ ލިބޭ ބިލްތައް ފާސްނުކުރާތީ ދައުލަތަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވިދާޅުވެފަ އެވެ.

ނޫސްވެރިނާ ތިން މިނެޓް ވާހަކަ ދެއްކެވުމަށް ފަހު ނައިބް ރައީސް ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ނުދެއްވައި ވަޑައިގެންފަ އެވެ. އެހެންކަމުން ނައިބް ރައީސް ސްކޫލްތަކަށް ފެއްޓިވި ޒިޔާރަތަކީ ސިލްސިލާ ކަމެއްތޯ ނުވަތަ ޓީޗަރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ކޮން ކަންތައްތަކެއްކަން ސާފު ވާގޮތެއް ނުވި އެވެ.