14 Dec 2010, 08:08
ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ފުރުސަތު، ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު މަހްމޫދު ރާޒީއަށް ދިނުމަށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ފިނޭންސް މިނިސްޓަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވަންދެން، ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ބެހޭ ގޮތުން މިއަދު ކުރިއަށްދިޔަ ބަހުސްގައި، ބަޖެޓް ހުށަހެޅުމުގެ ފުރުސަތު މަހްމޫދު ރާޒީއަށް ދެއްވުމަށް ހުށަހެޅުއްވީ، އިދިކޮޅު ޕީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ބަޖެޓް ދިރާސާކުރާ، މާލިއްޔަތު ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
ނާޒިމް ވިދާޅުވީ، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ކޮންމެ މީލާދީ އަހަރެއް ފެށުމުގެ ކުރިން މިނިސްޓަރު އޮފް ފައިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ އިރު ފިނޭންސް މިނިސްޓަރަކު ނެތުމަކީ، މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
"ބަޖެޓް ހުށަނޭޅި އަހަރު ނިމިއްޖެ ނަމަ ހުސްކަމެއްގެ ތެރެއަށް ވުރެ ބޮޑަށް އަޅުގަނޑުމެން ގޮސް މި ވަންނަން ޖެހެނީ އަނދިރިކަމެއްގެ ތެރެއަށް. މިމައްސަލައިގައި މަޖިލީހަށް ފެންނަ ހައްލެއް ހޯދިދާނެ. ގާނޫނު އަސާސީ މާނަ ކުރުމާއި ތަރުޖަމާ ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އޮތް މަސްއޫލިއްޔަތެއް ޒިންމާއެއް އަދި މެއިންޑޭޓެއްނޫން. ނަމަވެސް އަހަރު ނިމޭ އިރު ބަޖެޓް ފާސްނުކުރެވިއްޖެ ނަމަ ދިމާވާނެ މައްސަލަތަކާ މެދު ވިސްނަން ޖެހޭ. އަޅުގަނޑުގެ ހުށަހެޅުމަކީ، ގާނޫނު އަސާސީގައި 96 ވަނަ މާއްސާގެ (ށ)ގައި އެބުނާ ބުނުން ތަންކޮޅެއް ފުޅާކޮށް މާނަ ކުރުމަށް ފަހު، ފިނޭންސް މިނިސްޓަރުގެ މަގާމުގައި މިވަގުތު ބޭފުޅަކު ނެތުމާ އެކު އެ މިނިސްޓްރީ ހިންގެވުން ހަވާލު ކުރައްވާފައިވާ ވަޒީރަކަށް، ނޫން ނަމަ މިވަގުތު މަޖިލީހުން ރުހުން ދީފައިވާ ވަޒީރަކަށް މަޖިލީހަށް ބަޖެޓް ހުށަހެޅޭ ގޮތަށް ފާސްކުރުމެއް ފާސް ކުރުން. އެގޮތަށް ފާސް ކުރުމަށް ފަހު މަޖިލީހުގެ ގަވާއިދުގެ 179 މާއްދާގެ (ކ)ގައިވާ ފަދައިން ހިނގަމުން އަންނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބަޖެޓާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވާތީ، ގަވާއިދުގައި ބުނެފައި އެވާ މުއްދަތުތައް އެގޮތަށް ދީގެން އަހަރު ނިމޭއިރު ބަޖެޓަށް މަޖިލީހުން ގޮތެއް ކަނޑައެޅޭނެ ކަމަށް ނުފެންނާތީ ދިމާވެފައިވާ މި ހާއްސަ ހާލަތުގައި ބަޖެޓްގެ މަސައްކަތް ކުރިއަށްގެންދިއުމުގެ މުއްދަތުތައް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ އެކު ގޮތްތަކެއް ކަނޑައެޅުމުގެ އިހްތިޔާރު ރައީސަށް ދޭން،" ނާޒިމު ވިދާޅުވި އެވެ.
ނާޒިމުގެ މި ހުށަހެޅުއްވުމަށް އިދިކޮޅު މައި ޕާޓީ ޑީއާރުޕީންނާއި އެމްޑީޕީންނާއި ޖުމްހޫރީ ޕާޓީން ވެސް ތާއީދު ކުރިއެވެ. ނަމަވެސް ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވަނީ މި ހުށަހެޅުމާ ދެކޮޅު ހައްދަވައިފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، ގާނޫނު އަސާސީން މާލީ ވަޒީރަށް ލިބިދޭ މަސްއޫލިއްޔަތުތައް އެންމެ ފަހުން ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ހާޝިމް ވަނީ ފުރިހަމަ ކުރައްވައިފައި ކަމަށެވެ. އެގޮތުން ގާނޫނު އަސާސީ އާއި މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް މަޖިލީހަށް ބަޖެޓް ހުށަހެޅުމަށްޓަކައި ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ވަނީ މަޖިލީހަށް ބަޖެޓް ފޮނުއްވައިފައި ކަމަށާއި މަޖިލީހަށް ބަޖެޓް އެ އެޖެންޑާކޮށް ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ރައީސްގެ މަސައްކަތެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ނާޒިމުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށާއި ނާޒިމްގެ ހުށަހެޅުއްވުމާ މެދު އުފާކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އުފާކުރަން ނާޒިމުގެ ވިދާޅުވުމަށް. އަޅުގަނޑަށް މިހާރު އެނގިއްޖެ ބަޖެޓަށް ބަދަލު ގެނައި ނަމަވެސް އިތުރު ތަޅާފޮޅުމަކަށް ނުގޮސް ބަޖެޓް ފާސްވާނެ ކަމަށް. އަޅުގަނޑަށް ހީވެފައި މި އޮންނަނީ މީޑީޔާގައި ވާހަކަ ދެކެވޭ ގޮތަށް ބަޖެޓް ވެސް ފާސްނުވެ ރައްޔިތުން ބަނޑަށްޖެހި، ނިކަމެތިވެގެން ހިނގައިދާނެ ކަމަށް. ބަޖެޓްގެ ކަންތައްތައް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސަށް ލެއްވެން އޮތް ބާރެއް ލެއްވުމަށް އަޅުގަނޑުގެ ޕާޓީއާ އެކު އަޅުގަނޑު މިހިރީ ތައްޔާރަށް. ނާޒިމުގެ ހުށަހެޅުމަށް ތާއީދު ކުރަން. އަޅުގަނޑު އުއްމީދު ކުރަން މިކަމުގައި ހީލަތްތެރި މަކަރުވެރި ގޮތްތަކެއް ނުހިމަނައި މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ގުޅިގެން ބަޖެޓްގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށް."
ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، ދައުލަތުން ރައްޔިތުންނަށް ދެމުންދާ ހިދުމަތަށް ބުރުލެއް ނާރާ ގޮތެއްގެމަތިން ބަޖެޓްގެ ކަންތައް ނިމިގެން ދިއުމަކީ އެންމެ އިސްކަންދޭން ޖެހޭނެ ކަން ކަމަށެވެ. އަދި މިވަގުތު ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ބޭފުޅަކު ނެތް ނަމަވެސް ބަޖެޓްގެ ކަންތަކަށް މަޖިލީހުގެ ތެރެއިން ގޮތެއް ނިމިގެން އަހަރު ނިމުމުގެ ކުރިން ބަޖެޓް ފާސްވެގެން ދިއުމަކީ، މިއަދު ގައުމީ މަސްލަހަތު އެންމެމައްޗަށް ހިމެނިގެންދާކަން ކަމުގައިވާތީ، ނާޒިމުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާކަމަށް ތަސްމީން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، ބަޖެޓް ނިންމުމަށް ބޮޑު ދެ ޕާޓީން ތާއީދުކޮށްފައިވާ ގޮތަށް އޭނާ ވެސް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން މުސްތަގުބަލްގައި އެހެންފަރާތްތަކުން ގާނޫނު އަސާސީ މާނަކޮށްފާނެ ގޮތަކީ، ބަލައިގަންނަން ޖެހޭނެ ކަމެއް ކަމަށާއި، މަޖިލީހުގެ މި ނިންމުމުގެ ސަބަބުން، އެހެން ފަރާތްތަކުން ގާނޫނު އަސާސީ ތަރުޖަމާކުރުމުގެ ސަބަބުން މަޖިލީހަށް މައްސަލަތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިނިންމުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ސަރުކާރުން ގާނޫނު އަސާސީ މާނަކުރާގޮތެއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހަށް އިތުރު ތަކުލީފަކަށް ވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަޖެޓް ހުށަހެޅުމުގެ ފުރުސަތު، ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު މަހްމޫދު ރާޒީއަށް ދިނުމަށް މަޖިލީހުން ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފް ނިންމުމެއްކަމަށާއ އެހެންކަމުން އެ ހުށަހެޅުމަށް ތާއީ ނުކުރައްވާކަން ބަޔާން ކުރައްވަމުން، އިދިކޮޅު ގައުމީ ޕާޓީގެ ނާއިބު ރައީސް އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ބަޖެޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް މަޖިލީހުގެ ރައީސް ކުރައްވާ މަސައްކަތްޕުޅަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގައި ވަކިގޮތަކަށް ކުރަންއޮތް ކަމެއް އެނޫން ގޮތަކަށް ބަދަލު ކުރުމުގެ އިހްތިޔާރާއި ބާރު ގާނޫނުން ލިބޭ ގޮތް ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށާއި އެނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް މަޖިލީހުން ފާސްކޮށްފި ނަމަ ގަނޫނު އަސާސީއާ ހިލާފް ވެވަޑާއިގެންނެވި ކުށުގައި، އެކަމުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުން، ޖަލަށްދާންޖެހޭނެ ކަމަށް ވެސް ރިޔާޒު އިންޒާރު ދެއްވި އެވެ.
"އެކަން އެގޮތަށް [އެކަން] ކޮށްފި ނަމަ، އެކަން ކުރި ބަޔަކު ނުވަތަ މަނިކުފާނު (ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު) ޖަލަށްދާން ޖެހޭނެ ގާނޫނުލް އުގޫބާތުގެ ދަށުން. ގާނޫނާ ހިލާފަށް ކަންތައް ކުރި ބަޔަކަށް ހަ މަސް ދުވަހުގެ ޖަލު ހުކުމް އޮންނާނެ. އަޅުގަނޑު ވެސް ބަޖެޓްގެ މަސައްކަތް އަވަސް ކުރަން ބޭނުން، އެކަމަށް ހުރަސްއަޅާ މީހަކަށް ވާކަށް ބޭނުމެއްނޫން. ނަމަވެސް އަޅުގަނޑު ތިޔަ ހުށަހެޅުމަކަށް ވޯޓެއް ނުދޭނަން. އެކަމުގައި ބައިވެރިވެއްޖެ ނަމަ މިހާރު ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ތިޔަ މައްސަލައަށް ކުރިމަތިލާން ނުޖެހޭނެ ގޮތެއް ނޯންނާނެ. ނަމަވެސް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމެއް ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވޭ. މަޖިލީހަށް ބަޖެޓް ހުށަހަޅަން ވާނީ ފިނޭސް މިނިސްޓަރު ކަމަށް ވަރަށް ސާފުކޮށް ގަނޫނު އަސާސީގައި އެބައޮތް. ނަމަވެސް އެއާހިލާފަށް ހެދުނު ޑީލެއްގެ ދަށުން އެކަން ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަން."
ރިޔާޒު ވިދާޅުވީ، ގާނޫނު އަސާސީގައި އޮތްކަމެއް ނުކުރުމާއި އެގޮތާ ހިލާފަށް ކަމެއް ކުރުމަކީ ތަފާތުކަމެއް ކަމަށެވެ. އަދި ބަޖެޓްގެ މަސައްކަތް ކުރެވެން ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ގާނޫނު އަސާސީގައި އޮތްގޮތާ ހިލާފަށް ކަމެއް ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ގާނޫނު އަސާސީއަށް ބަދަލު ގެނަސްގެން ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް ހެދޭ ގާނޫނުތަކާ ކުރެވޭ ކަންތައްތަކަކީ ބާތިލް ކަންތައްކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވެ، އެކަމުގައި ބައިވެރިވެވަޑައި ނުގެންނެވުމަށް ޖަލްސާއިން ނިކުންނަވަނީ ކަމަށް ވިދާޅުވެ ޒިޔާޒު ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވި އެވެ.
މި މައްސަލައިގައި، ގަނޫނު އަސާސީގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވަނިކޮށް، އެހެން ގޮތަކަށް އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުގެ، ރައީސުލްޖުމްހޫރިއްޔާ، ފިނޭންސް މިނިސްޓަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވަންދެން، ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް ހުށަހެޅުމެއް ހުށަހެޅުއްވި އެވެ.
ނަޝީދު ވިދާޅުވީ، އެކަމުގެ ސަބަބުން ވަގުތު ބޭކާރު ނުވެ ބަޖެޓްގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ފިނޭންސް މިނިސްޓަރަކު އައްޔަން ކުރެއްވުމުން ރަސްމީކޮށް ބަޖެޓްބަޔާން މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު މިނިސްޓަރަށް ލިބިދެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެއީ އެކަން ކުރެވޭނެ ގޮތެއްނޫން. ފައިނޭންސް މިނިސްޓަރު ކުރައްވަންޖެހޭކަމެއް އެހެންބޭފުޅަކަށް ކުރެއްވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންނަމަވެސް އަޅުގަނޑު ހައްލެއް އެބަ ހުށަހަޅަން. އަޅުގަނޑު ދެކޭ ގޮތުގައި މަޖިލީހުގެ ގަވާއިދު ވެސް ގާނޫނު އަސާސީ ވެސް އެއްވެސް ގާނޫނެއް ވެސް މަނަލެއް ނުކުރޭ، މިހާރުން މިހާރަށް ވެސް ނުރަސްމީ ގޮތެއްގައި ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރާކަށް. މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީއާ ގުޅިގެންވިޔަސް، ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއްނެތް. ރައީސް އައްޔަން ކުރެއްވި ދުވަހަކުން ފިނޭންސް މިނިސްޓަރު އައްޔަން ކުރެއްވީމަ ބަޖެޓް ސްޕީޗް ހުށަހެޅިގެން އެކަން ރަސްމީކޮށް ކުރިއަށް ގެންދެވިދާނެ. ނަމަވެސް އެކަން ކުރެވެންދެން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ވެސް ފެށިދާނެ އޭރުން ގާނޫނު އަސާސީއަކާ ހިލާފެއްނުވޭ އަދި ވަގުތު ބޭކާރެއް ވެސް ނުވޭ."
ނަޝީދުގެ މި ހުށަހެޅުއްވުމަށް ޕީއޭގެ މެންބަރު މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ވަނީ ތާއީދު ކުރައްވައިފަ އެވެ. ނަމަވެސް ނަޝީދުގެ ހުށަހެޅުއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ މި ދެ ހުށަހެޅުއްވުމަށް ވޯޓަށް އައްސަވައި ފާސްވާ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.