މަގުބޫލު އުޒުރެއް ނެތި 1432 ވަނަ އަހަރުގެ ރޯދަ މަހު ރޯދަ ދޫކޮށްލި މީހަކު 150 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެ ހުކުމް އިއްވާފައި ވަނީ މ. ގްލޯރީގޭ ސުބުހީ އިސްމާއިލް މާހިރުގެ މައްޗަށެވެ.

އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ 2011 ވަނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފަރީދީމަހުގައި ހުންނަ މޮނަލާސް ކިޔާ ފިހާރަ ކުރިމަތީގައި ހުރެ ކޮކާކޯލާ ފުޅިއެއް ބޮއިގެން ރޯދަ ދޫކޮށްލާފައި ވާތީ އެވެ.

އެ މައްސަލާގައި ޝާރީއަތުގެ މަޖިލީހުގައި ސުބުހީ އޭނާގެ ކުށަށް އިއުތިރާފްވެފައި ވާތީ އާއި މިއީ މިބާވަތުގެ ކުށެއް އޭނާ ކުރި ފުރަތަމަ ފަހަރު ކަމުގައި ވާތީ އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން 150 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ ހަތް ދުވަސް ތެރޭގައި ދެއްވުމަށެވެ.