23 Jan 2014, 12:20
ސުޕްރީމް ކޯޓުން މީހަކު މެރުމަށް ހުކުމްކޮށްފި ނަމަ، އެ ހުކުމް ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހޯމް މިނިސްޓްރީން މިއަދު އަމުރުކޮށްފި އެވެ.
މީޑިއާގެ ކުރިމަތީގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައި ވަނީ "ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މީހަކު މެރުމަށް ނިޔާ ކަނޑައަޅައި ހުކުމެއް ކޮށްފި ނަމަ އެހުކުމް ތަންފީޒު ކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެން" ކަމަށެވެ.
އެގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ވެސް އަމުރުގައިވެ އެވެ.
އަމުރުގައި ސޮއިކުރެއްވުމަށް ފަހު ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރެއްވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގާނޫނެއްގެ ދެލިކޮޕީއެއް ސަރުކާރުން ކުރިން ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން މިހާރު އެކުލަވާލާފައިވާ ގަވައިދު އެކުލަވާލާފައި ވަނީ އެ ދެލިކޮޕީއާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމާ ބެހޭ ޕްރޮސީޖާ މިހާތު ތައްޔާރު ކުރެވިފައި އޮތީ. މިކަމާ ބެހޭ ގަވައިދު އެކުލަވައިލުމުގެ މަސައްކަތް މީގެ ކުރިން ވެސް ކުރެވި، އެގަވައިދު އެކުލަވައިލެވި އެޓާނީ ޖެނެރަލްގެ ފަރާތުން އެއަށް ކޮމެންޓް ކުރުމަށް ޓަކައި ދައުލަތުގެ ފަރާތުން ވެބްސައިޓްގައި ޖަހައި އެއަށް ކޮމެންޓް ވެސް ހޯދިފައި ވަނީ. އެހެންވީމާ އަޅުގަނޑުމެން މިގާއިމްކުރާ ޕްރޮސީޖާޔާ އަޅުގަނޑުމެންގެ ގަވައިދުތައް އޮންނާނީ ޑްރާފްޓް ކުރެވިފައި އޮތް ގާނޫނާ އެއްގޮތަށް،" އުމަރު ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގާނޫނެއް ފާސް ނުވަނީވެސް އަދަބު ތަންފީޒު ކުރައްވާނަންތޯ ސަން އިން ދެންނެވުމުން އުމަރު ވިދާޅުވީ "ގާނޫނެއް އަންނަންދެން މަޑެއް ނުކުރާނަން" ކަމަށެވެ.
"ގާނޫނެއް ފާސްވެގެން މަރުގެ އަދަބު ތަންފީޒު ކުރެވެން އަންނަންދެން އަޅުގަނޑުމެން މަޑެއް ނުކުރާނަން. ހޯމް މިނިސްޓަރަށް ލިބިގެންވާ އިހުތިޔާރެއް ހުކުމްތައް ތަންފީޒުކުރުން އެއީ. އެހެންވީމާ ގާނޫނެއް އަންނަންދެން އަޅުގަނޑުމެން މަޑެއް ނުކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުން ތަފުސީލު ދެއްވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އަދަބު ދޭނީ މާފުށީ ޖަލުގައި ކަމަށެވެ.
މިހާތަނަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ މީހުންގެ ހުކުމުގެ މައްސަލަތައް ސުޕްރީމްކޯޓާ ހިސާބުން ނުނިމިވާ އިރު އެ މައްސަލަތައް އަވަސް ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއަކު ދެންނެވުމުން އުމަރު ވިދާޅުވީ ނުކުރައްވާނެ ކަމަށެވެ.
"ނޫން ސަރުކާރުން ޝަރުއީ ދާއިރާގައި ހިނގާ އެއްވެސް މައްސަލައެއް އަވަސްކުރަން އަދި ލަސްކުރާކަށް ވެސް މަސައްކަތެއް ނުކުރާނެ. އަދި ހަމަ މިއަދުގެ އަމުރުގައި އޮތް ފަދައިން ސުޕްރީމްކޯޓުން މައްސަލައެއް ނިންމެވީމާ އަޅުގަނޑުމެން ތަންފީޒުކުރާނީ. މާނައަކީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުނީމާ ތަންފީޒުކުރާނީ." އުމަރު ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުން ހޯމް މިނިސްޓަރު ދެން ނެރުއްވާނީ އެންމެ އަމުރެއް ކަމަށާއި އެއީ ވަކި މީހަކަށް އަދަބު ދިނުމަށް ކުރާ އަމުރު ކަމަށް އޭނާ ވިދާޅުވި އެވެ.