23 Jan 2014, 12:11
އިންޓެލިޖެންސަށް އޮފިސަރުން ކަމަށް ބުނެ ގެސްޓް ހައުސްއެއް ބަލައި ފާސްކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އިންޓެލިޖެންސް އޮފިސަރުން ކަމަށް ބުނެ ވަގު އައިޑީ ކާޑެއް ދައްކައިގެން ގެސްޓް ހައުސްއެއްގެ ތެރެއަށް ވަދެ ބަލައި ފާސްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އުމުރުން 24 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ދެ މީހުން ގެސްޓް ހައުސްއަށް ވަދެ ފާސްކުރަން ފެށުމުގެ ކުރިން ފުލުހުން ގޮސް އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ، ވަގު އައިޑީ ކާޑެއް ދައްކައިގެން ގެސްޓް ހައުސްއެއްގެ ތެރެއަށް ވަދެ އެތަނުގައި ތިބި ބަޔަކަށް ވަގު އައިޑީއެއް ދައްކައިގެން އެއީ ފުލުހުންގެ އިންޓެލިލިޖެންސް އޮފިސަރުންކަމަށް ބުނެ އެތަން ބަލައި ފާސްކުރުމަށް މަސައްކަތްކުރާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅި ގެންނެވެ.
ފުލުހުން ބުނީ އެ މީހުންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންކަން އަންގައިދޭ ވަގު އައިޑީ ކާޑެއް ދެ މީހުންގެ އަތުން ވެސް ފެނިފައިވާ ކަމަށެވެ.
އެ ދެމީހުން ގެސްޓު ހައުސް ސާޗުކުރަން މަސައްކަތްކޮށްފައި ވަނީ ކޮން ބޭނުމަކު ކަމެއް ސާފެއްނުވެ އެވެ.