ފޯނަށް ލިބޭ މެސެޖުތަކަށް އޮޓެމެޓިކް ޖަވާބެއް ފޮނުވާނެ ހިދުމަތެއް އުރީދޫން ތައާރަފްކޮށްފި އެވެ.

ފޯނަށް އަންނަ މެސެޖްތަކަށް އޮޓޮމެޓިކް ރިޕްލައިއެއް ފޮނުވޭނީ އުރީދޫ އިން ތައާރަފްކުރި" އެންހޭންސް އެސްއެމްއެސް" ހިދުމަތް މެދުވެރިކޮށެވެ.

އުރީދޫ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި" އެންހޭންސް އެސްއެމްއެސް" ހިދުމަތް މެދުވެރިކޮށް ވަކި ނަންބަރަކުން އެސްއެމްއެސް ނުލިބޭނެ ހިދުމަތެއް ވެސް ތައާރަފްކޮށްފަވާ ކަމަށެވެ. އޭގެ އިތުރުން ފޯނަށް ލިބޭ މެސެޖްތައް ވަކި ވަގުތެއްގައި ނުލިބޭނެ ހެން ހޯލްޑް ކުރެވޭނެ ހިދުމަތާއި ފޮނުވި އެސްއެމްއެސް ވަކި ވަގުތެއްގައި ލިބޭނެ ހިދުމަތް ވެސް ތައާރަފްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ މައުލޫމާތުދީފަ އެވެ.

އެންހޭންސް އެސްއެމްއެސް" އިން ލިބޭ އެއްވެސް ހިދުމަތަކަށް އެއްވެސް އެއްޗެއް ޗާޖެއް ނުކުރާނެ ކަމަށް ވެސް އުރީދޫ އިން ވަނީ ބުނެފަ އެވެ.