23 Jan 2014, 11:59
އާ އަހަރުގެ ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އެމެރިކާގެ މަޝްހޫރު ޓީވީ ޑްރާމާ، ސީރީޒް "ގޮސިޕް ގާލް"ގެ ތަރި ބްލޭކް ލައިވްލީ އާއި ފިރިމީހާ ކެނެޑާގެ ފިލްމީ ތަރިއެއް ކަމަށްވާ ރަޔާން ރޭނޯލްޑްސް ރާއްޖެ އަތުވެއްޖެ އެވެ.
ގޮސިޕް ގާލްގައި ސެރީނާ ވެން ޑަ ވުޑްސަންގެ ބައި ކުޅެފައިވާ ބްލޭކް އާއި ރޭނޯލްޑްސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ށ. އަތޮޅުގައި އޮންނަ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ވައިސްރޯއީ މޯލްޑިވްސްގައި ކަމަށް މޯލްޑިވްސް ޕްރޮމޯޝަން ހައުސްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ގޮސިޕް ގާލް އަކީ 2007 އިން 2012 އަށް 121 އެޕިސޯޑްގެ މައްޗަށް އެކުލެވިގެން ނެރެފައިވާ ޒުވާނުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ޑްރާމާ ޓީވީ ޝޯއެކެވެ.
ގޮސިޕް ގާލްގެ އިތުރުން ލައިވްލީ ހަރަކާތްތެރި ވެފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި، ސޭންޑްމެން، ދަ ސިސްޓާހޫޑް އޮފް ދަ ޓްރެވަލިން ޕެންޓްސް، އެކްސެޕްޓެޑް، އެލްވިސް އެންޑް އެނަބެލާ، ނިއުޔޯކް އައިލަވްޔޫ، ދަ ޓައުން، ގްރީން ލެންޓާން، ހިކް އަދި ސަވޭޖަސް ފަދަ ފިލްމުތައް ހިމެނެ އެވެ.
ރީތި ނޫވިލަކާއި ދޮންވެލީގެ ގޮނޑުދޮށެއް އެކުލެވިފައިވާ، ޕްރައިވެޓް ޕޫލްތަކާ އެކު ހެދިފައިވާ 60 ވިލާ ހިމެނޭ 17 އޭކަރުގެ ވައިސްރޯއީ މޯލްޑިވްސްގެ ހިތްގައިމު މާހައުލުގައި ލައިވްސްގެ ދެ މަފިރިން އުފާވެރި ޗުއްޓީއެއް ހޭދަކުރާނެ ކަމަށް ބެލެވެ އެވެ.