އައްޑޫ ސިޓީގެ ފޭދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ ރޯހައުސްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް 19،000 ރުފިޔާ އަށް ކުޑަކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ދެ ބުރި އަށްވާ ގޮތަށް ފޭދޫގައި ދެ ދިމާލެއްގައި އަޅާފައިވާ، ތިން ކޮޓަރީގެ ރޯހައުސްތަކަށް ކުރިން ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 30،000 ރުފިޔާ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ނާއިބު އަބްދުﷲ މުއްތަލަބު މިއަދު ސަން އަށް ވިދާޅުވީ ޑައުންޕޭމަންޓް 19،000 ރުފިޔާ އަށް ކުޑަކުރީ މާލެ އަދި ހުޅުމާލޭގައި ދޫކުރާ ފްލެޓްތަކާ އެއްރޭޓަކަށް ޑައުންޕޭމަންޓް ފެއްތުމަށް ކަމަށެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ފޭދޫގައި އިމާރާތްކޮށްފައިވާ 25 ޔުނިޓް ރޯހައުސްތަކަށް ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 3000 ރުފިޔާ ކަމަށާއި 25 އަހަރަށް ފަހު އެ ތަންތަން އަމިއްލަވާނެ ކަމަށެވެ.