މަރުގެ ހުކުމްތައް ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމާ ބެހޭ އަމުރެއްގައި މިއަދު ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު މެންދުރު 12 ޖަހާއިރު ހޯމް މިނިސްޓްރީގައި މިކަމަށް ޓަކައި ބާއްވާ ރަސްމިއްޔާތެއްގައި އެ އަމުރުގައި ހޯމް މިނިސްޓަރު ސޮއިކުރައްވާނެ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ބޭނުމަކީ ވަކި މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހޯމް މިނިސްޓަރު މިއަދު ސޮއި ކުރައްވައި ނެރުއްވާ އަމުރަކީ ވަކި މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި ނެރޭ އަމުރެއް ނޫން، ނަމަވެސް އޭގެ ބޭނުމަކީ ދަށު ކޯޓުތަކުން އިއްވާ މަރުގެ ހުކުމް އިސްތިއުނާފް މަރުހަލާތަކަށް ގޮސްގެން ވެސް އެގޮތަށް އެހުކުމް އަތުވެއްޖެ ނަމަ، އެ ހުކުމް ތަންފީޒު ކުރުން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ އަމުރެއް ނެރުމާ އެކު މަރުގެ ހުކުމް އިއްވާފައި ޖަލުތަކުގައި ތިބި މީހުންގެ މައްޗަށް ވެސް އެ އަމުރު ހިނގާނެ ކަމަށާއި ހުކުމް ތަންފީޒު ކުރާނީ ސުޕްރީމް ކޯޓުން އެ ހުކުމަކަށް ތާއީދުކުރުމުން ކަމަށެވެ.

އެ އަމުރަކީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޓަކައި މޯލްޑިވްސް ކަރެކްޝަނަލް ޝާވިސްގެ މައްޗަށް ނެރޭ އަމުރެއް ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ އަމުރުގައި މިއަދު ހޯމް މިނިސްޓަރު ސޮއިކުރައްވައި ނެރުއްވާ އިރު ފާއިތުވި ދެ ތިން އަހަރު ދުވަހުގެ ރާއްޖޭގެ މަރުގެ ބޮޑެތި ޖަރީމާތައް ހިންގައި އެކަމުގައި ޝާމިލްވި ބައެއް ފަރާތްތަކުގެ މައްޗަށް ވަނީ މަރުގެ ހުކުމް ވެސް އިއްވައިފަ އެވެ.

ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހްމަދު ނަޖީބު މަރާލި ކަމުގެ ކުށް މ. މަސްރޫރާ، އަހްމަދު މުއްރަތާއި ށ. ގޮއިދޫ، ރިހާބު، ފާތިމަތު ހަނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމީހުންގެ އަމިއްލަ އިއުތިރާފުގެ މައްޗަށް ބިނާކޮށެވެ. ހަމައެހެންމެ ކާށިދޫ ޕޮލިސްޓޭޝަންގެ ޑިއުޓީއަށް ދަނިކޮށް ކ. ކާށިދޫ، ކެތި، އާދަމް ހަލީމް މަރާލި ކަމުގެ ކުށް ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ސާބިތުވެފައި ވަނީ ވެސް އޭނާގެ އަމިއްލަ އިއުތިރާފުންނެވެ.

އެ ތިން މީހުން މެރުމަށް ހުކުމް ކޮށްފައި ވަނީ މަރުވި މީހާގެ ހުރިހާ ވާރިސުން ގިސޯސްހިފަން ބޭނުންވާކަމަށް ބުނެ ކްރިމިނަލް ކޯޓަށް ބަޔާންދީފައިވާތީ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ދެ ކުއްޖެއްގެ މައްޗަށް ސާބިތުވުމާ ގުޅިގެން އެ ދެ ކުދީން މެރުމަށް މިދިޔަ އަހަރު ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ދެ ކުދީން ދައުވާ އަށް އިންކާރުކުރިނަމަވެސް އެކުށް ޝަރީއަތަށް ސާބިތުވެފައި ވަނީ ހެކީންގެ ހެކިބަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މައްޝޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ސާބިތުވެފައި ވަނީ ހުމާމްގެ އިއުތިރާފާއި ހެކީންގެ ހެކިބަހުންނެވެ. އަފްރާޝީމްގެ ހުރިހާ ވާރިސުން އެދުނުގޮތަށް އޭނާ މެރުމަށް ދާދިފަހުން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.