23 Jan 2014, 09:48
ޖެނީވާ (ޖަނަވަރީ 23): ސްވިސްޓްޒަލޭންޑްގެ މޮންތްރޯގައި ކުރިޔަށްދާ ސޫރިޔާގެ ސުލްހައިގެ މަހާސިންތާގެ ދެވަނަ ޖަލްސާ އިއްޔެ ނިމިފައިވާ އިރު ރައީސް ބައްޝާރުލްއަސަދު ސޫރިޔާގެ ސިޔާސީ މަސްރަހުން އެއްފަރާތް ކުރުމުގެ މައްސަލާގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ފެންމަތިވެއްޖެ އެވެ.
މިމައްސަލާގައި ސޫރިޔާގެ ޚާރިޖީ ވަޒީރާއި އެމެރިކާގެ ޚާރިޖީ ވަޒީރާ ދެމެދު ބަހުގެ ޙަމަލާތައް ބަދަލުކުރައްވާފައިވާ އިރު ސޫރިޔާގެ އިދިކޮޅު އިއްތިހާދުގެ ލީޑަރު އަހްމަދުލްޖަރްބާ އާއި ސޫރިޔާގެ ޚާރިޖީ ވަޒީރާ ދެމެދުގައި ވެސް ވަނީ ބަހުގެ ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފަ އެވެ. މިމަހާސިންތާގައި ބައްޝާރާނުލައި ސޫރިޔާގައި އިންތިގާލީ ސަރުކާރެއް އުފައްދައި އެސަރުކާރުން ސޫރިޔާގެ ވެރިކަމާ ޙަވާލުވުމަށް ސޫރިޔާގެ އިދިކޮޅު އިއްތިޙާދުގެ ލީޑަރު އަހްމަދުލްޖަރްބާއާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީއާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ހުށަހެޅުއްވުމުން ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް ވަނީބައްޝާރު މަގާމުން ދުރުކުރުމާއި ނުކުރުމަކީ ސޫރިޔާގެ ރައްޔިތުންނަށް ޚާއްސަ ކަމެއްކަމަށާ އެއީ ސުލްޙައިގެ މަހާތިންސާއާ ގުޅުން ހުރި ކަމެއްނޫން ކަމަށް ވިދާޅުވެ ރައްދު ދެއްވާފަ އެވެ.
މުޢައްލިމް ވިދާޅުވީ ބައްޝާރު މަގާމުން ދުރުކުރުމުގެ މައްސަލަ ނެގުމަކީ ސުލްޙައިގެ މަހާސިންތާ އޭގެ މަގުން ކައްސާލުން ކަމަށް ސިފަކުރައްވާފަ އެވެ. ބައްޝާރު މަގާމުން ދުރުކުރެވޭނީ އަދި އިތުރު ދައުރަކަށް ސޫރިޔާގެ ރައީސް ކަމުގައި ބައްޝާރަށް ހުންނެވޭނީ ވެސް ރައްޔިތުންގެ އިންތިޚާބަކުން ކަމަށާ މިއީ ސުލްޙައިގެ މަހާސިންތާއާ ބެހޭކަމެއް ނޫން ކަމަށްވެސް މުޢައްލިމް ވިދާޅުވި އެވެ.
ބައްޝާރާނުލައި ސޫރިޔާގެ މުސްތަގްބަލް ކަނޑައެޅުމުގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ޕްލޭނަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި އދ. އާއި އަރަބި ގައުމުތަކުގެ ވަފްދުތަކުން ތާއީދުކޮށް ވާހަކަ ދައްކާފައިވާ އިރު މިކަމުގައި ސޫރިޔާ ވަފްދުގެ ވިސްނުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައި ވަނީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރަގީ ލާވްރޯވް އެވެ. ސްވިސްޓްޒަލޭންޑްގެ މޮންތްރޯގައި އިއްޔެ އިން ފެށިގެން ކުރިޔަށްދާ ސޫރިޔާގެ ސުލްހައިގެ މަހާސިންތާގައި ދުނިޔޭގެ 39 ގައުމުންނާއި އދ. ބައިވެރިވެ އެވެ. ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ދެފަރާތް ކަމަށްވާ ސޫރިޔާ ސަރުކާރާއި އެގައުމުގެ އިދިކޮޅު ފަރާތްތައް ސުލްހައިގެ މަހާސިންތާއަށް ހާޒިރުވި ނަމަވެސް ދެ ފަރާތުން އަދިވެސް ތިބީ ދޫދީގެން ސުލްޙަވެރިކަމާ އެކު މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ހަނގުރާމަކޮށްގެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެ ގަތުމުގެ ރޫހުގައި ކަމަށް ޚަބަރުތައް ބުނެ އެވެ.
މި ޚިޔާލު ތަފާތުވުންތަކާއެކު ވެސް ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި ސޫރިޔާ ސަރުކާރުގެ ވަފްދާއި އިދިކޮޅު އިއްތިޙާދުގެ ވަފްދާ ދެމެދު ސީދާ ގޮތެއްގައި ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދެވޭނެ މެކޭނިޒަމެއް އެކުލަވާލުމުގެ މަސައްކަތް އެމެރިކާ އާއި ރަޝިޔާއާއި އދ. ގުޅިގެން ކުރިޔަށް ގެންދާކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)