އިޒްރޭލުގެ "ޔަހުދީ" ޑޮކްޓަރުން އަތޮޅުތެރޭގެ ރަށްތަކަށް ނޭރުވުމަށް "އައި ފްރޮމް ޒިޔޯން" އާ ދެކޮޅަށް މާލޭގައި މުޒާހަރާ ކުރާ ފަރާތްތަކުން ގޮވާލައިފި އެވެ.


ރާއްޖެ އައިސްގެން އުޅޭ "އައި ފްރޮމް ޒިޔޯން"ގެ ޖަމާއަތަށް ނިސްބަތްވާ، އިޒުރޭލުގެ ލޮލުގެ ޑޮކްޓަރުންނާ ދެކޮޅަށް، ރާއްޖޭގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގައި ރޭ އެ މީހުން އަޑު އުފުލައިފައި ވަނީ، ޔަހޫދީންނަކީ އިސްލާމުންނަށް ދުވަހަކު ވެސް ހެޔޮއެދޭނެ ބައެއް ނޫން ކަމަށާއި އެ މީހުންގެ ނުލަފާ ރޭވުންތަކުން ދިވެހި ރައްޔިތުން ސަލާމަތްވެ ތިބުމަށެވެ. އަދި އައިޖީއެމްއެޗްގައި ބަލި މީހުން ބަލަން ކަނޑައަޅާފައިވާ ދުވަސްތައް ކެންސަލްކޮށް އަތޮޅުތެރެއަށް އެ މީހުން ދިއުމަށް މާދަމާ ނިންމާފައިވާ ކަމަށާއި އެ މީހުން ރަށްރަށަށް ނޭރުވުމަށް އެ މީހުން ގޮވާލައިފައިވެ އެވެ.


ލޮލުގެ ފަރުވާދޭ ޑޮކްޓަރުންގެ ނަމުގައި ރާއްޖެއައިސްގެން އުޅެނީ "ފޭކު" ޑޮކްޓަރުން ކަމަށާއި އެ މީހުންނަކީ އިޒުރޭލުގެ ޖާސޫސީ އިދާރާތަކަށް ނިސްބަތްވާ ބައެއް ކަމަށް މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރި އެވެ.


ޔަހޫދީންނަކީ މުސްލިމުންނަށް ހެޔޮއެދޭނެ ބައެއް ނޫން ކަމަށް ބުނެ، މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ ޔަހޫދީން ގައުމުތަކަށް ހިލޭ ސާބަހަށް އެހީތައް ފޯރުކޮށްދެމުން ދަނީ އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާގެ ބަދަލުގައި ބައިނަލްއަގުވާމީ ގައުމުތަކުގެ ލޮލުގައި "އަދުން" އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.


މުޒާހަރާގެ ބައިވެރިއަކު ބުނީ "އަހަރުމެން ބޭނުންވާ ލޮލުގެ ފަރުވާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސާފައިވާ ނިކަމެތި ހާލުން އެ މީހުން މިނިވަންކޮށް، މާތް ވެގެންވާ މިސްކިތް، މަސްޖިދުން އަޤުސާ މިސްކިތް އިޒުރޭލުގެ ވަކިތަކުން މިނިވަން ކުރުމަށް މުސްލިމުން އެދޭ ލޮލުގެ ފަރުވާ." ކަމަށެވެ.


ސުނާމީ ބިނާ ކަރިން ފެށި މުޒާހަރާ މާލޭގެ މަގުތަކަށް ނުކުމެ، މުޒާހަރާ ކުރަން ކަނޑައެޅި ބައެއް މަގުތަށް ފުލުހުންވަނީ ބަންދުކޮށްފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް މަޑުކޮށް ޝުއޫރު ފާޅު ކުރަމުން ގޮސް އައިޖީއެމްއެޗާ ދިމާލަށް މިސްރާބު ޖެހުމުން ފުލުހުން އައިޖީއެމްއެޗަށް ދެވޭ މަގުތައް ބަންދު ކުރުމާ އެކު ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފަ އެވެ. އަދި މުޒާހަރާގެ ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ ދެ މީހުން ދޫކޮށްލައިފަ އެވެ.


އިޒުރޭލުގެ ލޮލުގެ ފަރުވާދޭ ހަތަރު ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ އަށް މީހުންގެ ޓީމާ ދެކޮޅަށް އަދާލަތު ޕާޓީ އާއި އަމިއްލަ ޖަމިއްޔާ، ޖަމާތްތަކުން ނުރުހުންފާޅު ކުރަމުންދާ އިރު، އިޒްރޭލުގެ ޑޮކްޓަރުން ވަނީ އައިޖީއެމްއެޗްގައި ބަލި މީހުން ބަލަން ފަށައިފަ އެވެ.


އިޒްރޭލްގެ ޓީމުން ބަލި މީހުން ބަލަން ކަނޑައެޅި ދުވަހަށް ވުރެ ހަ ދުވަސް ލަސް ވެގެންދިޔައީ އެ ޑޮކްޓަރުންގެ ޓީމުން މެޑިކަލް ކައުންސިލްގެ ހުށަހަޅާފައިވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫން ކަމަށް މެޑިކަލް ކައުންސިލުން ނިންމައިގެނެވެ. ނަމަވެސް ފަހުން ވަނީ ހުއްދަ ދީފަ އެވެ.


އައި ފްރޮމް ޒަޔަން ގެ ލޮލުގެ ޑޮކްޓަރުންގެ ޓީމު ރާއްޖެއިން ބޭރު ކުރުމަށް ބަޔަކު ގޮވާލާއިރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ އެ މީހުންނާ ބައްދަލުކުރައްވައި އެ މީހުންގެ މަސައްކަތަށް ހިތްވަރުދެއްވައިފަ އެވެ.


އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒަޔަން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ އެމީހުން ބޭނުން ކުރާ "ޒަޔަން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއްކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައިވަނީ "ޒައަން" މި ބަހުންނެވެ. "އައި ފްރޮމް ޒަޔަން" ގެ ބޭރުފުށުގެ މާނައަކީ "ޔަހޫންދީންގެ ފަރާތުން ލޮލެއް" ކަމަށް ވިޔަސް މީގައި ފޮރުވިފައިވާ މާނައަކީ "އަހަންނަކީ ޔަހޫދީންގެ ތެރެއިންވާ މީހެއް" ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެ އެވެ.