ބެންގްކޮކް (ޖަނަވަރީ 23): ތައިލެންޑް އިދިކޮޅު ފަރާތްތަކުން ވެރިރަށް ބެންކޮކްގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ބެންކޮކާއި އެ ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ކުއްލި ޙާލަތު އިޢްލާންކޮށްފައި ވަނިކޮށް ސަރުކާރަށް ތާއީދުކުރާ ސިޔާސީ ލީޑަރެއްގެ ގައިކޮޅަށް ބަޑިޖަހައި ޒަޚަމްކޮށްލައިފި އެވެ.

ތައި ފުލުހުންނާ ޙަވާލާދީ ރޮއިޓާސް ޚަބަރުދޭ ގޮތުގައި ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަތްރާގެ ޕާޓީއަށް ތާއީދުކޮށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ އޮތްއިރު ވަރުގަދަ މުޒާހަރާތަކެއްކުރި ކުރީގެ "ރެޑްޝާޓް" ހަރަކާތުގެ އިސްބޭފުޅެއްކަމަށްވާ ކްވާންޗީ ބްރައިބާނާގެ ގައިކޮޅަށް ބަޑިޖަހައި ޒަޚަމްކޮށްލާފައި ވަނީ އެގައުމުގެ އިރުއުތުރުގެ އުދޫން ގައި ހުންނަ އޭނާގެ ގޭގައި އުޅުއްވަނިކޮށް ހަތިޔާރުއެޅި ބައެކެވެ. މިޙަމަލާގައި އޭނާގެ އަތާއި ފައި ޒަޚަމްވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވީ ނަމަވެސް އޭނާގެ ޙާލު ރަނގަނޅު ކަމަށް ޚަބަރުލިބެ އެވެ. ބެންކޮކްގައި ކުއްލި ޙާލަތު އިޢްލާންކުރުމާ ގުޅިގެން މުޒާހަރާތައް މައިތިރިވެފައިވީ ނަމަވެސް އިއްޔެވެސް ބެންކޮކްގެ ބައެއް މަގުތަކުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް (ހިމޭންކޮށް ހިނގާލުމުގެ ގޮތުގައި) ކުރިޔަށް ގެންގޮސްފައިވެ އެވެ.

ސަރުކާރުން ބުނެފައިވަނީ ކުއްލި ހާލަތު އިޢްލާން ކުރުމުގެ މަގްސަދަކީ މުޒާހަރާތައް މުޅިން ހުއްޓުވުން ނޫން ކަމުގަ އެވެ. ނަމަވެސް މުޒާހަރާތައް މާމައްޗަށް ގެންދިޔުމުގެ ފުރްސަތު ނުދޭނެކަމަށް ބުނެފައިވެ އެވެ. ތައިލެންޑްގެ ކުއްލި ޙާލަތުގެ ގާނޫނުގައި ސަރުކާރަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިދެ އެވެ. މީގެ ތެރޭގައި މީޑޔާ ކޮންޓްރޯލްކުރުމާއި ރައްޔިތުންގެ ފަރުދީ އަދި ޖަމާއީ މިނިވަންކަން ނިގުޅައިގަތުމުގެ ބާރު ހިމެނުނު ނަމަވެސް މިފަހަރުގެ ކުއްލި ހާލަތުގައި މިހުރިހާ ބާރުތަކެއްގެ ބޭނުން ނުހިފާނެ ކަމުގަ އެވެ.

ފަސްދޮޅަސް ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢްލާންކުރީ ހަރުކަށި ގޮތެއްގައި އެކަން ތަންފީޒުކުރުމުގެ މަގްސަދުގައި ނޫން ކަމަށާ ކުއްލި ޙާލަތުގެ ދަށުން އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތައް ރޫޅާލައި އަދި މުޒާހަރާތަކަށް ހުރަސްއަޅާނީ ރައްޔިތުންގެ އާންމު ދިރިއުޅުމާއި އަމަން އަމާންކަމާއި ޓޫރިޒަމާއި ވިޔަފާރިއަށް ބުރޫއަރާ ފަދަ މިންވަރަކަށް އެކަންތައް ދިޔުމުންކަމަށް ވެސް ތައި ސަރުކާރުން ބުނެ އެވެ. (ރޮއިޓާސް)