23 Jan 2014, 09:15
އެމެރިކާ ސަރުކާރުން ހުށައަޅާފައިވާ ދިފާއީ އެއްބަސްވުމެއް ކަމަށް ސްޓޭޓަސް އޮފް ފޯސް އެގްރީމެންޓް (ސޯފާ)ގައި ރާއްޖޭން ސޮއި ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
އެއެއްބަސްވުމާ މެދު ކުރިން މަޝްވަރާކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމައިގެން އިތުރަށް ކުރިއަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވި ކަމަށެވެ.
"ކުރިން މަޝްވަރާތައް ކުރެވުނު. އަޅުގަނޑުމެން އެކަމަކަށް އިޖާބަދޭކަށް ނޫޅެން،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް އެގޮތަށް ނިންމެވި ސަބަބެއް ވިދާޅު ނުވާ ކަމަށް އެނޫހުން ބުންޏެވެ. ނަމަވެސް އެކަން އޮގޮތަށް ނިންމެވި ސަބަބާ ބެހޭ ގޮތުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ވާހަކަފުޅު ދެއްކެވި ކަމަށް ވެސް އެނޫހުން ބުންޏެވެ. އަދި ބުނީ ސޯފާ އެގްރީމެންޓްގައި ސޮއި ނުކުރަން ސަރުކާރުން ނިންމީ ސަރަހައްދީ ބާރެއް ކަމަށްވާ އިންޑިއާ ކަންބޮޑުވެދާނެތީ ކަމަށް ޝަރީފު ވިދާޅުވި ކަމަށެވެ.
"އަޅުގަނޑުމެން ދަންނަވާފައި ވާނީ އަޅުގަނޑުމެން އެކަމެއް ނުކުރާނަމޭ. އެއީ އިންޑިއާ އާއި ސްރީލަންކާ އެކަމާ ހިތްހަމަނުޖެހޭތީއޭ،" ޝަރީފު ވިދާޅުވި ކަމަށް ނޫހުގައި އެވެ.
ރާއްޖެއާ އެކު އެމެރިކާ އިން ސޮއިކުރުމަށް ހުށައެޅި ސޯފާ އެގްރިމެންޓްގެ ކޮޕީއެއް ކަމަށް ބުނާ ލިއުމެއް ރާއްޖޭގެ ވެބްސައިޓެއްގައި މިދިޔަ އަހަރު ވަނީ އާއްމުކޮށްފަ އެވެ. އެލިއުމުގައިވާ ގޮތުން އެމެރިކާއިން ހުށައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ބޯޓުތައް ބޭނުން ގޮތަކަށް އޮޕަރޭޓްކުރުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.
ނަމަވެސް އޭރުވެސް ޑިފެންސް މިނިސްޓަރުގެ ގޮތުގައި ހުންނެވި މިހާރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވެފައި ވަނީ އެއީ އެފަދަ އެއްބަސްވުމެއް ނޫން ކަމަށެވެ.
"ސޯފާއަކީ އެމެރިކާ ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ގައުމުތަކާ އެކު ހަދާ އެއްބަސްވުމެއް. އެއީ ބޭސްއެއް ހެދުމަށް ބެހޭ ކަމެއް ނޫން. ބޭސް އެއް ހެދުމަށް ހުށަހަޅާފައެއް ވެސް ނުވޭ. ސޯފާ އެގްރިމެންޓް ހުށަހެޅުމުން މިހާތަނަށް ސަރުކާރުން ގޮތެއް ނިންމާފައެއް ނުވާނެ،" ސަން އަށް އޭރު ދެއްވި އިންޓަވިއުގައި ނާޒިމް ވިދާޅުވެފައިވެ އެވެ.