22 Jan 2014, 23:47
މާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ހަރުކުރުމަށް ޖަހާފައިވާ ދަގަނޑު ހޮޅިތަކުގައި ބައެއް ފަރާތްތަކުން ވާ އައްސައި ތަކެތި ހަރުކުރަން ބޭނުންކުރާކަން ފާހަގަ ކުރެވިފައިވާތީ އެފަދަ ކަންކަން އެގޮތަށް ނުކުރުމަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ މަގުމަތީގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އަދި އަމާން މާހައުލެއް ގާއިމް ކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ކެމެރާތަކުން ލިބޭ ވީޑިއޯ ފްޓޭޖް ބޭނުންކޮށް ތަހުގީގުތަކާއި ޝަރީއަތްތައް ކާމިޔާބުކަމާ އެކު ނިންމުމަށް އެހީތެރިވެދޭ ކަމަށެވެ.
މަގުތަކުގައި ބެނާފަދަ ތަކެތި ދެމުމަށްޓަކައި ކެމެރާ ހަރުކޮށްފައިވާ ހޮޅިދަނޑިތަކުގައި ވާ އައްސަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ބެނާތަކުގައި ވައި އަޅައި ކެމެރާތަކަށް ގެއްލުން ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެނާތަށް ހަރުކުރުމުން ކެމެރާތަރުން ލިބޭ ފުޓޭޖްތައް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަދުން ނަމަވެސް މިފަދަ ކަންކަން ހިނގާތީ ސިސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ ހޮޅިދަނޑިތަކުގައި ބެނާ ފަދަ ތަކެއްޗާއި ވާފަދަ ތަކެތި ނޭއްސުމަށް ނަސޭހަތްތެރިވަން،" ނަވީން ވިދާޅުވި އެވެ.