22 Jan 2014, 23:13
ސްރީ ލަންކާގެ މަސްވެރިންނަށް ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ލަންކާ ސަރުކާރުން ރާއްޖޭގެ ސަރުކާރުގައި އެދިއްޖެ އެވެ.
ދެ ގައުމުގެ މެދުގައި އެ މަޝްވަރާތައް ގެންގޮސްފައި ވަނީ ރައީސް އަބްދުﷲ ޔާމީން މިހާރު ސްރީ ލަންކާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުގެ އިސްވެރިންނާއި ރައީސްގެ އަރިހުގައި ލަންކާ އަށް ދިޔަ ރާއްޖޭގެ ވަފުދާ އެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ.
މަޝްވަރާތަކާއ ގުޅޭ ގޮތުން ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވި އެ ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ލަންކާގެ މަސްވެރިންނަށް ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރު ކުރުމުގެ ހުއްދަ ޔޫއެންގެ ކަނޑުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ދިނުމަށް ލަންކާގެ ފިޝަރީޒް މިނިސްޓަރީން ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ރައީސް ޔާމީން ވަނީ އެ އެދިލެއްވި ކަންތަކާ މެދު އިތުރަށް މަޝްވަރާކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ލަންކާގެ މަސްވެރިންނަށް ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރު ކުރުމުގެ ހުއްދަ ރާއްޖޭގެ ސަރުކާރުން ދިން ކަމުގައިވީ ނަމަވެސް ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ކަނޑުން މަސްވެރިކަން ކުރުމުގެ ހަރަކާތެއް ނުހިންގާނެ ކަމަށް ލަންކާގެ ސަރުކަރުން ރާއްޖެ އަށް ޔަގީންކަން ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެއްގައުމުގެ ޖަލުތަކުގައި ތިބި ގައިދީން އަނެއްގައުމުގެ ޖަލަށް އަވަސް މުސްތަގްބަލެއްގައި ބަދަލު ކުރުމާއި އަދި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ބޭނުންވާ ޓްރެވަލް ވިސާ ނަގަން ނުޖެހޭނެ ގޮތަކަށް ހެދުމަށް ވެސް އެ ބައްދަލުވުމުގައި ދެގައުމުގެ އިސްވެރީން ވަނީ މަޝްވަރާކޮށްފަ އެވެ.
ދެ ގައުމުގެ ދެމެދު މިއަދު ބޭއްވުނު އެއްބަސްވުމުގައި ލަންކާގެ ރައީސް ރާޖްޕަކްސަ ވަނީ ރައީސް ޔާމީނަށް ޝުކުރުއަދާކުރައްވާ ރާއްޖޭގެ ތަރައްގީ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ރައީސް ރާޖްޕަކްސަ ވަނީ ލަންކާގެ ޔުނިވާސިޓީތަކުންނާއި ޓްރައިނިން އަދި ޕްރޮފެޝަނަލް ޓްރެއިނިން އިންސްޓިޓުއަޝަންތަކުންނާއި ޑިފެންސް ޓްރެއިން ސެންޓަރުތަކުން ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.