އައިޖީއެމްއެޗް ކައިރި ހުރި އިމާރާތަކުން ބިދޭސީއަކު މިރޭ ވެއްޓިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމާރާތަކުން މިރޭ ވެއްޓުނު ބިދޭސީ މީހާ އޮތީ ސީރިއަސް ހާލަތެއްގައި ކަމަށާއި އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ.

އެ ބިދޭސީ މީހާ ވެއްޓުނީ މާފަންނު ބްލޫ ސީގެ ތިން ވަނަ ބުރިން ކަމަށާއި އެއީ ސްރީލަންކާ މީހެއް ކަމަށާއި ނަމަވެސް ވެއްޓުނީ ކީއްކުރަން އުޅެނިކޮންކަން އަދި ސާފު ނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވެއްޓުނު އިރު އެ ތަނުގައި ހުރި ސްރީލަންކާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކައިރީ ހުރި މީހަކު މިރޭ ސަން އަށް ބުނީ އޭނާ ވެއްޓުނީ ހަތަރު މީހުންގެ ގްރޫޕަކުން ވައްކަން ކުރަން އުޅެނިކޮށް ކަމަށެވެ.


އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ވެއްޓިގެން އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 42 އަހަރުގެ މީހަކަށް ކަމަށާއި އޭނާގެ ހާލު ރަނގަޅު ނޫން ކަމަށެވެ.

އޭނާ އަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ޓެސްޓްތައް ހަދަމުން އަންނަ ކަމަށާއި އެމީހާ އަށް ފަރުވާ ދެމުން ދަނީ އިމަޖެންސީ ރޫމްގައި ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.