މަސްތުވާތަކެތި ގެންގުޅުނު މީހަކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާ އެކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ހ. ފަހަލަ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރު ޖޫން މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 6:38 ހާއިރު މަރިޔަމް ކެފޭ ތެރެއިން އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނުނުކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ނާޒިމް އިން މޭޒުމަތިން ފެނުނު ސިނގިރޭޓް ފޮށީގެ ތެރެއިން ފެނުނު ޕެކެޓޫގައި ހުރި ތަކެތި ތަހުލީލު ކުރި އިރު އޭގައި 0.0115 ގްރާމް ހެރޮއިން ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.

އޭގެއިތުރުން އޭނާގެ ޖީންސްގެ ޖީބުގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން ފެނުނު ހަތް ރަބަރު ޕެކެޓުގައި 10.8707 ގްރާމް ހުރިކަމަށް ވެސް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ޖީބުގައި އޮތް ސިނގިރޭޓް ފޮއްޓަކީ މޭޒުމަތީގައި އޮތް އެއްޗެއްކަމަށާއި އޭތި ޖީބަށް ލެވުނީ އޮޅުމަކުން ކަމަށް ނާޒިމް ބުނާއިރު، އެތަކެއްޗަކީ އޭނާގެ ތަކެތި ނޫންކަމަށް ބަލާނެ ހަމައެއް ނެތް ކަމަށް ނާޒިމަށް ޝަރީއަތަށް ދެއްކިފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ހުކުމުން އޭނާ އަށް ވަނީ އަންގާފަ އެވެ.