22 Jan 2014, 17:40
ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށް އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑުން 92.7 މިލިއަން ރުފިޔާ (6 މިލިއަން ޑޮލަރު) ލޯން އެހީއެއް ރާއްޖެ އަށް ލިބިއްޖެ އެވެ.
ރާއްޖެ އަށް އެ ލޯން އެހީ ލިބިފައި ވަނީ މިހާރު އަބޫދާބީގައި ކުރިއަށްދާ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ހަތަރު ވަނަ އެސެމްބަލީގެ ހަވާސާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އާއި އެ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީންގެ އިތުރުން ޔޫއޭއީގައި ހުންނަ ރާއްޖޭގެ ސަފީރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވެސް ވަނީ ބައިވެރިވެވަޑައިގަންފަ އެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނި ގެންގުޅޭނެ ދެމެހެއްޓެނިވި ނިޒާމުތަކެއް ގާއިމްކޮށް އެތަންތަނުގައި އުފެދޭ ކުނިން ހަކަތަ ނުވަތަ ފެން އުފެއްދުމަށް އަމާޒުކޮށް އެކުލަވާލާފައިވާ އެ މަޝްރޫއުގެ ޕްރޮޕޯޝަލް ދިވެހި ސަރުކާރުން އައިރީނާ އަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އެގޮތުން ހދ. ކުޅުދުއްފުއްޓާއި ރ. ވަންދޫ އަދި އައްޑޫ ސިޓީގަގައި އެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.
އައިރީނާ އިން ބުނީ ކުނިން ހަކަތައާއި ފެން އުފެއްދުމަށް ގާއިމުކުރާ އެ ޕްލާންޓްގެ ސަބަބުން ރާއްޖެ ފަދަ ބިންމަދު ގައުމަކަށް ގިނަ ފައިދާތަކެއް ވާނެ ކަމަށެވެ. އެގޮތުން އެ ޕްލާންޓުގެ ސަބަބުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އަހަރަކު ދެ މެގަވޮޓްގެ ކަރަންޓު އުފެއްދޭ އިރު ޑިސެލިނޭޝަންގެ ޒަރީއާ އިން އަހަރަކު 62 މިލިއަން ލީޓަރުގެ ސާފު ފެން އުފެއްދޭނެ ކަމަށް އެ އެޖެންސީން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ގާތްގަނޑަކަށް 120،000 މީހުންނަށް ފައިދާ ކުރާނެ އެ މަޝްރޫއުގެ ސަބަބުން ރާއްޖެ އަށް މިހާރު ދިމާވެފައިވާ ކުނިކޮށި ފުރުން ފަދަ ކަންކަން ވެސް ހައްލުވެގެންދާނެ ކަމަށް އައިރީނާ އިން މައުލޫމާތުދެ އެވެ.
އައިރީނާ އާއި އަބޫދާބީ ފަންޑު ގުޅިގެން ދެމުން އަންނަ އެ އެހީއަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައާއި ގުޅުން ހުރި މަޝްރޫއުތައް ހިންގުމަށް ދޭ އެހީ އެކެވެ. އެގޮތުން 350 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ތެރެއިން 2013 ވަނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ 50 މިލިއަން ޑޮލަރަށް 80 ގައުމަކުން ވަނީ ވާދަކޮށްފައިވެ އެވެ.
އޭގެތެރެއިން މިއަހަރު އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ހަ ގައުމަކަށެވެ. ރާއްޖޭގެ އިތުރުން އެ އެހީ ލިބޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މާލީ، މޮރިޓޭނިއާ، ސިއެރަލިއޯން، އިކުއެޑޯ އަދި ސަމޯއާ އެވެ. އެ ހަ ގައުމުގެ ތެރެއިން ރާއްޖެ ހިމެނިފައިވާކަން އައިރީނާ އިން އަންގާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.