22 Jan 2014, 17:33
މަރުވެފައިވާ މީހެއްގެ ނަމުގައި މެމްބަޝިޕް ފޯމް ޕީޕީއެމުން ހުށަހެޅުމުން އެ ޕާޓީ 5000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޕީޕީއެމް ޖޫރިމަނާ ކޮށްފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެ، މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި މަރުވެފައިވާ މީހެއްގެ ނަމުގައި މެމްބާޝިޕް ފޯމެއް ހުށަހަޅާފައި ވާތީ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ފައިސާ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ޕީޕީއެމަށް އަންގާފައިވާނެ ކަމަށެވެ.
އެ ކޮމިޝަނުގެ ވެބްސައިޓްގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު 15ގެ ނިޔަލަށް ޕީޕީއެމްގެ ރަޖިސްޓްރީގައި ހިމެނެނީ 24،311 މެމްބަރުންނެވެ.
މަރުވެފައިވާ މީހެއްގެ ފޯމު ހުށަހަޅައިގެން ޕީޕީއެމް ޖޫރިމަނާ ކޮށްފައިވާ އިރު ޖުމްހޫރީ ޕާޓީ ވެސް ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މަރުވެފައިވާ ދެ މީހެއްގެ މެމްބަޝިޕް ފޯމް ހުށަހަޅާފައި ވާތީ 12000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.