އަންނަ އަހަރު އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ދޭ ސްކޮލާޝިޕްގެ އަދަދު 31 އިތުރުކޮށް، ސްކޮލާޝިޕްތައް ރޭ އެވޯޑްކޮށްފި އެވެ.


ސްކޮލާޝިޕްތައް އެވޯޑް ކުރީ ރޭ ޓްރޭޑާޒް ހޮޓަލުގައި އޮސްޓްރޭލިއާ ހައިކޮމިޝަނުން ބޭއްވި "އޮސްޓްރޭލިއާ އެވޯޑްސް 2011" ރަސްމިއްޔާތުގަ އެވެ.


މި އަހަރު ޖުމްލަ 16 ސްކޮލާޝިޕް އޮސްޓްރޭލިއާ އިން ދީފައިވާ އިރު، 2011 ވަނަ އަހަރަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ދީފައިވަނީ، ޖުމްލަ 31 ސްކޮލާޝިޕެވެ. އޭގެތެރޭގައި، 6 އޮސްޓްރޭލިއަން ލީޑާޝިޕް އެވޯޑާއި، 25 އޮސްޓްރޭލިއަން ޑިވެލޮޕްމަންޓް ސްކޮލާޝިޕް ހިމެނޭ ކަމަށް އޮސްޓްރޭލިއަން ހައިކޮމިޝަނުން ބުންޏެވެ.


އެ ރަސްމިއްޔާތުގައި އޮސްޓްރޭލިއާ ހައިކޮމިޝަނަރު މިޒް ކެތީ ކްލޫގްމަން ވާހަކަފުޅު ދެއްކެވި އެވެ. އެކަމަނާ ދެއްކެވި ވާހަކަފުޅުގައި މި އަހަރު އޮސްޓްރޭލިއާ އިން ރާއްޖެ އަށްދޭ ސްކޮލާޝިޕްގެ ޢަދަދު، ކުރީ އަހަރުތަކާ އަޅާބަލާ އިރު، ގާތްގަނޑަކަށް ދެގުނަ އިތުރުކޮށްފައިވާ ކަމަށާއި މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން، އޮސްޓްރޭލިއާ ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާ ކުރައްވައިގެން އިތުރުކުރެވުނު ޢަދަދެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި ސަފީރުގެ ވާހަކަފުޅުގައި އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އަބަދުވެސް ގުޅުން ހަރުދަނާ ކަމަށް ވިދާޅުވެ، އެހެންނަމަވެސް، ރައީސްގެ މަސައްކަތްޕުޅުތަކުގެ ސަބަބުން، އޮސްޓްރޭލިއާ އާއި ދިވެހި ރާއްޖެއާ ދެމެދުގައިވާ ގުޅުންތައް މިހާރު ވަނީ މުޅިން އާ މަރްޙަލާއެއްގައި ކަމުގައި ސަފީރު ވިދާޅުވި އެވެ.


އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވާހަކަފުޅުދެއްކެވި އެވެ. އަދި ވިދާޅުވީ އެ ސްކޮލާޝިޕްތަކުގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ އިންސާނީ ވަސީލަތްތަކުގެ ދަތި ކަމަށް ވަރަށްބޮޑު ޙައްލެއް ލިބިގެން އަންނާނެ ކަމަށެވެ. އަދި ރާއްޖޭގެ މަތީ ތަޢްލީމީ ދާއިރާ އަށް އޮސްޓްރޭލިއާ ސަރުކާރުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެމުން ގޮސްފައިވާކަން ފާހަގަކުރެއްވި އެވެ.


މިއަހަރުގެ ޖޫން މަހު ރައީސް ނަޝީދު އޮސްޓްރޭލިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އޮސްޓްރޭލިއާގެ ބޮޑުވަޒީރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިއާގެ އެހީގައި ރާއްޖެއަށް 2011 ވަނަ އަހަރަށް ސްކޮލާޝިޕް އިތުރުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.