22 Jan 2014, 17:26
ޖެނީވާ (ޖަނަވަރީ 22): ސޫރިޔާގެ ސުލްހައިގެ މަހާސިންތާސްވިޓްޒަލޭންޑްގެ މޮންތްރޯގައި ފެށިއްޖެވެ. ސާޅީސް ގައުމާއި އދ. ބައިވެރިވާ މި މަހާސިންތާ އިފްތިތާޙް ކޮށްދެއްވީ އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އެވެ. މި މަހާސިންތާ އިފްތިތާޙް ކޮށްދެއްވަމުން އޭނާ ވިދާޅުވީ "މިއަދަކީ ހަގީގީ އުންމީދުތަކެއް ހާސިލްކުރަން މަސައްކަތްކުރާ ބަލިކަށި ދުވަހެއް" ކަމުގަ އެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ގިލަންވެރިކަމުގެ މައްޗަށް ބާންކީ މޫން ބައްލަވާލެއްވި އެވެ. މި މަހާސިންތާގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދެއްކެވި އެމެރިކާ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ވެސް ވަނީ ސޫރިޔާގެ ރައްޔިތުންނަށް ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވޭނާއި ކެކުޅުންތަކާއި ގިލަންވެރިކަމުގެ މައްޗަށް ބައްލަވާލައްވައި މި ވޭންތައް ނިމުމަކަށް ގެނައުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރައްވާފަ އެވެ. ނަމަވެސް ޖޯންކެރީގެ ވާހަކާގައި ސޫރިޔާގެ ވެރިކަމުން ބައްޝާރުލްއަސަދު ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މިޖަލްސާގައި ވާހަކަ ދެއްކެވި ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލް މުއައްލިމް ވަނީ ސޫރިޔާގެ ވެރިކަން ވައްޓާލުމަށް ދުނިޔޭގެ 85 ގައުމަކުން ޓެރަރިސްޓުން އައިސް އެގައުމުގެ ޝަރުޢީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ކަމަށް ވިދާޅުވެ އެމެރިކާއާއި ބައެއް އަރަބި ގައުމުތަކުން މިޓެރަރިސްޓް ޙަރަކާތްތަކަށް ހިއްވަރުދޭ ކަމަށް ތުހުމަތުކުރައްވާފަ އެވެ.
ސޫރިޔާގެ އިދިކޮޅު އިއްތިޙާދުގެ ރައީސް އަހްމަދުލްޖަރްބާ ވަނީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ޒިންމާ އުފުލަންޖެހޭނީ ރައީސް ބައްޝާރުލްއަސަދު ކަމަށް ތުހުމަތުކުރައްވައި އޭނާ ވެރިކަމުން ދުރުކޮށް އިންތިގާލީ ސަރުކާރެއް ސޫރިޔާގައި އުފެއްދުމަށް ގޮވާލައްވާފައެވެ. (ނޫސްއެޖެންސީތައް)