އެމެރިކާގެ އިރުމަތީ އައްސޭރީގެ ސަރަހައްދުތަކަށް އަނެއްކާވެސް ގަދަ ފިންޏާއި ސްނޯގެ ތޫފާނެއް އަރަމުންދާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ބީބީސީގެ މުރާސިލުން ބުނާ ގޮތުގައި، ގިނަ ސަރަހައްދުތަކެއްގައި ފޫޓަކަށް ވުރެ ބޯކޮށް ސްނޯ ފައިބައިފައި ހުރި އިރު، ވައިގެ ބާރުމިން ހުރީ އާދަޔާ ޚިލާފު ބާރުމިންތަކެއްގައެވެ. ހަމައެއާއެކު، ގަދަފިނީގެ ތޫފާނެއް އައިސް، އިރުމަތީ އައްސޭރީގެ ފިނިހޫނުމިން އަނެއްކާވެސް ދަށަށް ދާނެ ކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ގަދަ ފިންޏާއި ސްނޯގެ ތޫފާނެއް އަނެއްކާވެސް އަރާނެ ކަމުގެ އިންޒާރުތަކާ އެކު، އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީ އާއި އަދިވެސް އިރުމަތީގެ އެތައް ސްޓޭޓެއްގައި އޮފީސްތަކާއި މަދަރުސާތައް ވަނީ ބަންދު ކޮށްފައެވެ.

ޔޫއެސް ނެޝަނަލް ވެދަރ ސަރވިސްގެ ތަޖުރިބާކާރުން ބުނެފައި ވަނީ، އިރުމަތީ ސަރަހައްދުތަކުގައި، ފިނި މޫސުމުގައި އާއްމުކޮށް ފިނިހޫނުމިން ދަށަށް ދާ މިންގަނޑުތަކަށް ވުރެ، 10 އާއި 25 ޑިގްރީ ސެލްސިއަސްގެ މިންވަރު އިތުރަށް، މި ދެ ދުވަހެއްގެ ތެރޭގައި ފިނި ވާނެ ކަމަށެވެ.

"ތޫފާނާ އެކު، ވަރަށް ގަދަ ފިނި ތަޖުރިބާ ކުރާން ޖެހޭނެ. ބައެއް ސަރަހައްދުތަކުގައި މައިނަސް 18 ޑިގްރީ އަށް ފިނިހޫނުމިން ދަށް ވާނެ. ފިނި ވައިގެ ސަބަބުން، މައިނަސް 26 ޑިގްރީގެ ފިނި އިހުސާސް ކުރެވޭނެ." ބީބީސީއަށް މައުލޫމާތު ދެއްވަމުން، ވެދަރ ސަރވިސްގެ ތަރުޖަމާނު ކްރިސް ވެކާރޯ ވިދާޅުވިއެވެ.

ސްނޯގެ ސަބަބުން އިރުމަތީ އައްސޭރީގެ ސްޓޭޓްތަކާއި ޝަހަރުތައް ގުޅުވައިދޭ މޯޓަރުމަގުތަކުގައި ސްނޯގެ ފަށަލައެއް ލެވިފައި ވާތީ، މަގުތައް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

އާ އިންޒާރުތަކާ އެކު މިއަދު 800 އަށް ވުރެ ގިނަ ފްލައިޓް ވެސް ވަނީ ކެންސަލް ކުރެވިފައެވެ. އިރުމަތީ އައްސޭރީގެ އުތުރުއިރުމަތީ ލައިނުގެ ރޭލު ޚިދުމަތް ވެސް ކޮންމެވެސް މިންވަރަކަށް ހުއްޓައިލާނެ ކަމަށް، ރޭލު ކުންފުންޏެއް ކަމަށް ވާ އެމްޓްރެކުން ވަނީ އިއުލާން ކޮށްފައެވެ.

ގަދަ ފިންޏާއި ސްނޯގެ އައު ތޫފާނެއް އެމެރިކާގެ އިރުމަތީ އައްސޭރީގެ ސަރަހައްދުތަކަށް އަރަން ފަށައިފައި ވަނީ، "ޕޯލަރ ވޯރޓެކްސް" އެއްގެ ގޮތުގައި ސިފަ ކުރެވުނު ވަރުގަދަ މޫސުމީ ޚަލަލެއްގައި، އެމެރިކާގެ އިރުމަތީ ސަރަހައްދުތަކާއި މެދުތެރޭގެ ބޮޑު ސަރަހައްދަކަށް ރެކޯޑު މިންވަރަކަށް ސްނޯ އާއި ގަދަ ފިނީގެ ތޫފާންތަކެއް ލައިގަތް ތާ ދެ ހަފުތާއެއްހައި ދުވަސް ފަހުންނެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ކުރިޔަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭގައި، ވޮޝިންގޓަން ޑީސީއަށް، ވެއަތު ވެދިޔަ ތިން އަހަރުތެރޭގައި ނުފައިބާ ވަރަށް ސްނޯ ފައިބާނެއެވެ. މޫސުމީ އިންޒާރުތަކާ ގުޅިގެން، ވައިޓް ހައުސްގައި، ބާއްވާން ހަމަޖެހިފައި އޮތް ބައްދަލުވުމަކާއި ނޫސް ކޮންފަރެންސެއް ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ތޫފާނުގެ ސަބަބުން އިއްޔެ، މެރީލޭންޑުގައި އިއްޔެ، އެކަކު މަރު ވި ކަމަށް ވެސް ޚަބަރު ލިބެއެވެ.