ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ސްރީލަންކާ ސަރުކާރާ ދެމެދު ވަރަށް މުހިންމު ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކުރުން އޮތީ، ދެގައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަތަކަށް ފަހުގައެވެ.

ޓްރާންސްނޭޝަނަލް ކުށްތައް ހުއްޓުވައި، ފުލުހުންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސް އެންކޭ އިއްލަންގަކޫންއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދެވެ.

ޒުވާނުން ތަރައްގީކޮށް ތަމްރީނުކުރުމުގައި އެއްބާރުލުން ހޯދައި، ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ޔޫތް އެފެއާޒް އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑަލަސް އަލަހައްޕެރުމާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

ސޮއިކުރި ތިން ވަނަ އަށް ސޮއިކޮށްފައި ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުގަ އެވެ.

ސްރީލަންކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރު އޮފް ސްޕޯޓްސް މަހިންދަނަންދަ އަލުތުގަމަގެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފެވެ.