22 Jan 2014, 16:25
އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ވެސްޓްހޭމް އަތުން 3-0 އިން މޮޅުވެ 9-0ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާއަކާއެކު މެންޗެސްޓާ ސިޓީ އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރަށުންބޭރުގައި ރޭ ވެސްޓްހޭމްއާ ދެކޮޅަށް ސިޓީ ނުކުތްއިރު އެޓީމު ވަނީ 6-0ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. ރޭގެ މެޗުގައި ސިޓީއަށް ލަނޑުތައް ޖަހައިދިނީ، މެޗުގެ ތިން ވަނަ މިނިޓާއި 59 ވަނަ މިނިޓުގައި އަލްވާރޯ ނެގްރެޑޯ އަދި 24 ވަނަ މިނިޓުގައި ސާޖިއޯ އަގުއެރޯ އެވެ.
މިއީ 38 އަހަރު ދުވަހުގެ ތެރޭގައި ސިޓީއަށް ލީގު ކަޕްގެ ފައިނަލުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. މާޗް މަހުގެ ދެ ވަނަ ދުވަހު ވެމްބްލީގައި ކުޅޭ ފައިނަލްގައި ސިޓީއާ ވާދަކުރާނީ، މެންޗެސްޓާ ޔުނައިޓެޑާއި ސަންޑަލޭންޑް ކުޅޭ ސެމީފައިނަލް ކާމިޔާބުކުރާ ޓީމަކާ އެވެ.
ސިޓީގެ ކޯޗު މެނުއެލް ޕެލެގްރިނީ ވަނީ، މި ސީޒަންގައި އެޓީމަށް ޕްރިމިއާ ލީގައި، އެފްއޭ ކަޕާއި ލީގު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައިފަ އެވެ.
ރޭގެ މެޗަށް ފަހު ޕެލެގްރިނީ ބުނީ، އޭނާގެ ޓީމުން ފެނިގެން ދިޔައީ ޕްރޮފެޝަނަލް ކުޅުމެއް ކަމަށާއި އަދި ހަ ލަނޑުގެ ލީޑަކާ އެކު މެޗަށް ނުކުތީ އެއްވެސް ޕްރެޝަރެއް ނެތި ކަމަށެވެ.
ވެސްޓްހެމްގެ ކޯޗު ސޭމް އެލަޑިސް ބުނީ، ރޭގެ މެޗުގައި އޭނާ އެންމެ ބޮޑަށް މާޔޫސްވާން ދިމާވީ ފުރަތަމަ ދެތިން މިނިޓުގައި އެ ޓީމުގެ ޑިފެންސް ލައިނުން ބޮޑެތި ގޯސްތަކެއް ހެދުމުން ކަމަށެވެ.