22 Jan 2014, 15:43
ސައުދީ އަރަބިއްޔާގެ މުސްލިމް ސްކޮލާސް އެސޯސިއޭޝަންގެ ރައީސް ޑރ. ނާސިރު އަލް އުމަރު ރާއްޖެ ވަޑައިގެންފި އެވެ.
ޑރ. ނާސިރު ރާއްޖެ ވަޑައިގެންފައި މިވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކަމަށް އެ މިނިސްޓްރީ ވަނީ ބުނެފަ އެވެ.
ސައުދީ އަރަބިއްޔާއިން މިއަދު ރާއްޖެ ވަޑައިގެންނެވި 11 ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދަށް ރަސްމީ ފާލަމުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެ މިނިސްޓްރީގެ އިސްވެރިންނެވެ.
ރައީސްމީ ފާލަމުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ ފަހުގެ ތާރީޚެއްގައި ސައުދީ އަރަބިއާގެ މަތީ ފެންވަރުގެ ވަފުދެއް ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށެވެ.
ސައުދީ އަރަބިއްޔާގެ މުސްލިމް ސްކޮލާސް އެސޯސިއޭޝަންގެ ރައީސް ރާއްޖެ ވަޑައިގެންނެވި މަގުސަދާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އޭނާ ރާއްޖެ ވަޑައިގަތީ ރާޖޭގެ އެކިއެކި އިސްލާމީ މުއައްސަސާ ތަކާއި ބައްދަލުކޮށް ސައުދީ އަރަބިއްޔާގެ އިސްލާމީ އެކިއެކި މުއައްސަސާތަކުން ރާއްޖެ އަށް ވެދެވޭނެ އެހީ ތަކަކީ ކޮބައިތޯ ބަލައި އެކަމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
"މިއީ ސައުދީ އަރަބިއްޔާގެ މަތީ ފެންވަރެއްގެ ވަފުދެއް ފަހުގެ ތާރީހެއްގައި ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރު. މި ވަފުދުގެ މަގުސަދަކީ ސައުދީ އަރަބިއްޔާގެ އިސްލާމީ އެކިއެކި މުއަސަސާތަކާއި ރާއްޖޭގެ އިސްލާމީ އެކިއެކި މުއްސަސާތަކާއި ގުޅުން ބަދަހިކޮށް ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާ ތަކަކީ ކޮބައިތޯ ބަލައި މަސައްކަތް ކުރުން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ވަފުދުގެ ބޭފުޅުން ރާއްޖޭގެ އިލްމުވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށާއި އަދި އެބޭފުޅުން ދަރުސް ދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ނޫސްވެރީންނާ ވާހަކަދައްކަވަމުން ޑރ. ނާސިރު ވިދާޅުވީ އެ އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގައި މެދުމިނުގެ އިސްލާމީ އިލްމު އުނގަންނައި ދިނުމަށް އެހީތެރިވެ ދެއްވާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރާއްޖޭގައި ގުރުއާނުގެ އިލްމު ކުރިއެރުވުމަށްޓަކައި އެހީވެދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައުދީ ސަރުކާރާއި ގުޅިގެން އިސްލާމް ދީނާއި ގުޅުން ހުރި ކަންކަމުގައި އެހީތެރިކަން ފޯރިކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ އެ ވަފުދު ރާއްޖޭގައި ފަސް ދުވަސް ވަންދެން މަޑު ކުރާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.