ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށަހެޅުއްވުމަށް ފަހު، އެ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ނަން އަނބުރާ ގެންދަވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ސަމީރު މިއަދު ވިދާޅުވީ އޭނާ ނަން އަނބުރާ ގެންދެވީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ޕާޓީ ބައެއް މެންބަރުންގެ ފަރާތުން އޭނާ އަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނަމުން ގެންދިއުމާއި އޭނާ އަށް އެކަށީގެންވާރުގެ ސަޕޯޓެއް ޕާޓީގެ މެންބަރުންގެ ފަރާތުން ލިބޭ ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑަށް ޕްރައިމަރީ ކާމިޔާބު ކުރެއްވިދާނެ. އެކަމު އަޅުގަނޑާ ފުރައްސާރަކޮށް އަޅުގަނޑު ހޮވިއްޖެ ނަމަ އަޅުގަނޑުގެ ފަރާތަށް ނާރާނެ ކަމަށް ވިދާޅުވާ ބޭފުޅުން އެބަތިބި. އެހެންވީމަ އަޅުގަނޑު މިހާރު ފުރުސަތު މިދިނީ އެމީހުން ބޭނުންވި މީހަކަށް ކާމިޔާބު ކުރުމުގެ ފުރުސަތު،"

ނަމަވެސް ސަމީރު ވިދާޅުވީ އިތުރު ދައުރަކަށް އެ ގޮނޑިއަށް ވާދަކުރައްވާނެ ކަމަށެވެ. ނަމަވެސް ވާދަކުރައްވާނީ ޕާޓީއެއްގެ ޓިކެޓްގައިތޯ ނުވަތަ މިނިވަން ކެންޑިޑޭޓަކަށް ކަމެއް ވިދާޅެއްނުވެ އެވެ.

އޭނާ ވިދާޅުވީ ދިއްދޫ ދާއިރާގެ މެންބަރުން އޭނާ މަޖިލީހުގައި ކުރެއްވި މަސައްކަތް ބަލައިގެންފި ކަމަށާއި އެހެން ކަމުން އިތުރު ދައުރަށް އޭނާ ހޮއްވަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އަންނަ ހުކުރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސްގެ އެމްޑީޕީ ޕްރައިމަރީގައި ސަމީރާ އެކު ވާދަކުރައްވާނީ މަތިއުތުރު ޕޮރިވިންސް އެމްޑީޕީގެ ރައީސް އާދަމް ނަސީރުއާއި އެމްޑީޕީ މެންބަރު މުހައްދު ހާޝިމެވެ.