22 Jan 2014, 15:31
ނިމިގެން ދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީޕީއެމާ ގުޅިފައިވާ ކޯލިޝަނަށް 520 ގޮނޑި ނެގިފައިވާ ކަމަށް ޕީޕީއެމުން އަންދާޒާކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ބޭއްވި ކައުންސިލްތަކުގެ އިންތިހާބަށް ފަހު ޕާޓީތަކުން އެ ޕާޓީތަކަށް ލިބޭނެ ގޮނޑީގެ އަދަދު އަންދާޒާ ކޮށްފައިވާ އިރު އެ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.
ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި ޕީޕީއެމުން 541 ގޮނޑިއަށް ކުރިމަތިލައިގެން 290 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި ޕީޕީއެމާ ގުޅިފައިވާ ކޯލިޝަނުން ޖުމްލަ 520 ގޮނޑި ނަގާނެ ކަމަށް ބެލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެތެރޭގައި އަދާލަތު ޕާޓީ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮލާލު ވިދާޅުވީ އެހާ ކައިރިކައިރިން ނަތީޖާތައް ހުރި އިރު ވަގުތީ ނަތީޖާ އިޢުލާން ނުކުރެވި ލަސްވަމުން ދިއުމަކީ ކެންޑިޑޭޓުންނާއި ޕާޓީތަކުން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިހާރުގެ ނަތީޖާ ދައްކާ ގޮތުން އަތޮޅު ތެރެއިން ގިނަ ކައުންސިލްތަކެއްގެ މެޖޯރިޓީ އޮތީ ޕީޕީއެމާ އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނަށް. ނަމަވެސް ވަގުތީ ނަތީޖާ އިޢުލާން ނުކުރެވި ލަސްވަމުންދާ ނަމަ މިއީ ކަންބޮޑުވުންތަކެއް އުފެދިގެންދާނެ ކަމެއް. އިލެކްޝަންސް ކޮމިޝަނުން މިއަށް ވުރެ އަވަސްކޮށް މިކަންތައް ކުރެވޭނެ ކަމުގެ ގާބިލްކަން އެބަހުރި،" ތޮލާލު ވިދާޅުވި އެވެ.
ޕީޕީއެމްގެ އިތުރުން އިންތިހާބަށް ފަހު އެމްޑީޕީން ބުނެފައި ވަނީ އަތޮޅު ކައުންސިލްތަކުގެ ސާފު އަޣުލަބިއްޔަތު އެޕާޓީއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީން މި އިންތިހާބުގައި 700 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޓިކެޓްގައި މި އިންތިހާބުގައި 900 އެއްހާ ކެންޑިޑޭޓުން ވަނީ ކުރިމަތިލައިފަ އެވެ.