22 Jan 2014, 15:14
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އިން 2011 ވަނަ އަހަރުގެ މާލީ ބަޔާން ތައްޔާރު ކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ހާމަވެއްޖެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ސާކު ސަމިޓާ ގުޅިގެން ޑިފެންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ ކެޕިޓަލް ހަރަދުގެ ތެރޭގައި ހިމަނަން ޖެހޭ 122،734،502ރ. އެ އަހަރުގެ ރިކަރަންޓް ހަރަދުގެ ބައިގައި ޖަލްސާއާއި ސެމިނާތަކަށް ކުރެވުނު ހަރަދުގެ ގޮތުގައި ހިމަނައިގެން މާލީ ބަޔާން ތައްޔާރު ކުރުމުން އޭގައި ބޮޑެތި އޮޅުންތަކެއް ހުރި ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން މާލީ ބަޔާންތަކުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި ރިޕޯޓުކޮށްފައިވާ އަދަދު، އޭގެ އަސްލު އަދަދަށް ވުރެ ދަށްވެ، ރިކަރަންޓު ހަރަދު އޭގެ އަސްލު އަދަދަށް ވުރެ އިތުރުވެފައިވާ ކަމަށްވެ އެވެ. އަދި މިލްކިއްޔާތުގެ ބަޔާނުގައި މިނިސްޓްރީގެ މިލްކިއްޔާތުގެ ގޮތުގައި ރިޕޯޓުކޮށްފައިވާ އަދަދު އަސްލު ހުންނަން ޖެހޭވަރަށް ވުރެ މަދުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުން ފާހަގަ ކުރެވެ އެވެ.
އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ބޭއްވި ސާކު ސަމިޓާ ގުޅިގެން އެކިއެކި ފަރާތްތަކުން އަސްކަރިއްޔާ އަށް އެހީގެ ގޮތުގައި ދީފައިވާ ތަކެތީގެ ތެރެއިން ހަރުމުދަލުގެ ގޮތުގައި ބެލެވޭ ތަކެތި އަގުކޮށްގެން މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާ ކަމަށެވެ. އަދި އަސްކަރީ ދާއިރާގައި ބޭނުންކުރާ ހާއްސަ އާލާތްތަކުގެ ތެރެއިން ހަރުމުދަލުގެ ގޮތުގައި ބެލެވޭ ތަކެތީގެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައި ނުވާ އިރު އެތަކެތި ޑިފެންސްގެ ހަރުމުދަލުގެ ރަޖިސްތްރީގައި ވެސް ހިމަނާފައި ނުވާ ކަމަށްވެ އެވެ.
ސާކް ސަމިޓުގެ ތެރޭގައި އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގައުމުތަކުގެ އިސްވެރިންނާއި އެހެނިހެން ވީއައިޕީ ބޭފުޅުންގެ އެކޮމޮޑޭޝަން ހަމަޖެއްސުމަށް ހަތަރު "ޕްރީ ފެބްރިކޭޓެޑްގެ" އެޅުމަށް 2،393،001ރ. އަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް، ޕްރޮޖެކްޓްގެ އަގުގެ 15 ޕަސެންޓް އެޑްވާންސްގެ ގޮތުގައި އެކުންފުންޏަށް ދީފައިވާ އިރު އެ ކުންފުނިން މަސައްކަތް ނުނިންމޭނޭ ކަމަށް ބުނުމުން އެއްބަސް ވުން ބާތިލުކޮށް އެޑްވާންސް ފައިސާ އަނބުރައި މިނިސްޓްރީ އަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.
ރިޕޯޓުގައި ވާގޮތުން ހަތަރު "ޕްރީ ފެބްރިކޭޓެޑް ގެ" އެޅުމުގެ މަސައްކަތް ފަހުން ހަވާލުކޮށްފައި ވަނީ ސްރީލަންކާގެ ޑިވެލޮޕްމަންޓް އިންޓަ ޕްލޭން (ސިލޯން) ލިމިޓެޑާ އެވެ. އަދި އެ މަސައްކަތުގެ އަގުގެ 75 ޕަސެންޓް ފައިސާ އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ދީފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.23ވަނަ މާއްދާއާއި ހިލާފަށް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި ހަމަ އެހެންމެ އެކުންފުނިން އެ މަސައްކަތް ނިންމާފައި ވަނީ ސާކު ސަމިޓު ނިމުނުތާ ދެމަސް ފަހުން ކަމަށްވީ ނަމަވެސް އެއްބަސްވި ތާރީހަށް މަސައްކަތް ނުނިންމުނު ނަމަވެސް މަސައްކަތުގެ އަގުން ފައިސާ އުނިކުރެވޭނޭ އުސޫލެއް އެއްބަސްވުމުގައި ކަނޑައަޅާފައި ނެތުމުގެ ސަބަބުން މުޅި މަސައްކަތުގެ ފުރިހަމަ އަގު ޑިވެލޮޕްމަންޓް އިންޓަ ޕްލޭން އަށް ދައްކާފައިވާ ކަމަށްވެ އެވެ.
ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، 2011 ވަނަ އަހަރުގެ ނިޔަލަށް އަސްކަރިއްޔާގައި ހުރި ހަރުމުދަލުގެ އަގުކަމަށް އެމްޑިޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އޭރު ހުށަހަޅުއްވާފައިވާ 34،772،531ރ. އަކީ ސައްހަ އަދަދެއް ކަމަށް ބެލެވެން ނެތްކަމަށެވެ.
ހާއްސަ އުސޫލުތަކެއްގެ ދަށުން ކުރެވޭ މަސައްކަތްތައް، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދައުލަތަށް ފައިދާވާނޭ ގޮތެއްގެ މަތިން ކުރުވުމަށާއި ފާހަގަ ކުރެވިފައިވާ ކަންތައްތަކުގައި އިހްމާލުވި ފަރާތްތަކާ މެދު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 47 އަދި 48 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ވެސް އޮޑިޓާ ޖެނަރަލް ވަނީ އަންގާފަ އެވެ.