22 Jan 2014, 15:11
ދުބާއީގެ އަލް ގުސައިސްގައި ދިރިއުޅޭ އޭޝިއާގެ ދެމަފިރިއަކު އޮފީހުގެ މަސައްކަތް ނިންމާފައި ގެޔަށް އައިއިރު ގޭގައި ގެންގުޅޭ ހައުސްމެއިޑް، އެ ދެމަފިރިންގެ 11 މަހުގެ ތުއްތު ދަރިފުޅު މަރާލާފައި އޮއްވައި ފެނިއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ދަރިފުޅު ބެލެހެއްޓުމަށް ޓަކައި ބޮޑު ހަރަދުކޮށްގެން އެ ދެމަފިރިން ނޭޕާލުން ދުބާއީއަށް ގެނައި އުމުރުން 20 އަހަރުގެ މެއިޑް، އެ ދެމަފިރިންގެ ތުއްތު ދަރިފުޅު މަރާލާފައި ވަނީ، އޭނާގެ އާއިލާއާ ބައްދަލުކުރުމަށް އިންޑިއާ އަށް ފޮނުވައި ނުދިނުމުންނެވެ.
ދުބާއީ ފުލުހުންނާ ހަވާލާދީ ޚަލީޖް ޓައިމްސްގައި ބުނެފައި ވަނީ ތަހުގީގުތަކުން އެނގުނު ގޮތުގައި، އެ "މެއިޑް" ގަބޫލުކުރާ ގޮތުގައި އޭނާ އަށް ޗުއްޓީ ނުލިބުނީ އެ ކުޑަކުއްޖާގެ ސަބަބުން ކަމަށާއި އެހެން ކަމުން އެ ތުއްތު ކުއްޖާގެ ދުވަސް ދުއްވައިލުމުން އޭނާ އަށް ޗުއްޓީ ލިބޭނޭ ކަމަށް އުންމީދުކޮށް އެކަން ކޮށްފައިވާ ކަމަށް ގެންގުޅޭ މީހާ އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ތުއްތު ކުއްޖާ މަރުވެފައި ވަނީ ކަރުގައި ސްކާފެއް އައްސައި، ހާސްވަންދެން ބާރުކޮށް ހިފެހެއްޓުމުގެ ސަބުން ކަމަށް އޭނާ ކިޔައިދީފައިވާ ކަމަށް ވެސްވެ އެވެ.
ފުލުހުންނާ ހަވާލާދީ އެމިރޭޓްސް247ގައި ބުނެފައި ވަނީ، ތުއްތު ކުއްޖާ މަރުވެފައި ވަނީ ކަރުގައި ބާރަށް އެއްޗަކުން އައްސައި ހާސްކުރުވުމުގެ ސަބަބުން ކަމަށް ފޮރެންސިކް ރިޕޯޓުތަކުން ވެސް ކަށަވަރުވެފައިވާ ކަމަށެވެ.
ގެންގުޅޭ މީހާ އޭނާގެ އާއިލާއާ ބައްދަލުކުރުމަށް އިންޑިޔާއަށް ދިއުމަށް ތަކުރާރުކޮށް އެދުމުން ވެސް، އެ ދެމަފިރިން އޭނާ ކައިރީގައި އިތުރަށް މަޑުކުރުމަށް އެދުނީ، އަންހެން މީހާ އަށް ވަޒީފާ ލިބުނުތާ މާކަ ގިނަ ދުވަސްތަކެއް ނުވުމާއި އެ ދެމަފިރިން ވަޒީފާ އަދާކުރަންދާ އިރު ދަރިފުޅު ބަލަހައްޓަން މީހަކު ކޮންމެހެން ވެސް ބަހައްޓަން ޖެހޭތީ އެވެ. އަދި އެ ދެމަފިރިން ދަރިފުޅު ބެލެހެއްޓުމަށް މެއިޑަކު ގެނެސްފައި ވަނީ، ވަރަށް ބޮޑު ހަރަދުތަކެއް ކޮށްގެން ކަމަށްވެސް ޚަލީޖްޓައިމްސްގައި ބުނެފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ދުބާއީ ފުލުހުން އިތުރަށް ބުނެފައި ވަނީ، ދަރިން ބެލުމަށާއި އެހެނިހެން ކަންތަކުގައި ވެސް ގޭގައި ގެންގުޅޭ މީހުންނާ ދޭތެރޭގައި އެމީހުން ގެންގުޅޭ ފަރާތްތަކުން ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންނާ މުއާމަލާތުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް ވެސް ފުލުހުން އިލްތިމާސް ކޮށްފައިވެ އެވެ.