14 Dec 2010, 04:54
ރައްޔިތުންގެ މަޖުލީހުން ރުހުން ނުދެއްވުމުން ސުޕްރީމު ކޯޓުގެ ހުކުމާ އެއްގޮތަށް އެޓާނީ ޖެނެރަލްގެ މަގާމުން ވަކިވެވަޑައިގެންނެވި ޑރ. އަލީ ސަވާދަށް އެޓާނީ ޖެނެރަލް ކަން ދެއްވައި ހުވާ ކުރެއްވުމަކީ "ޑޮކްޓަރީން އޮފް ފައިނޭލިޓީގެ" ޕުރިންސިޕަލް އާ ހިލާފުކަމެއް ކަމަށް ރައްޔިތުން މަޖުލީހުގެ ކުޅުދުއްފުށީ ދެނކުނު ދާއިރާގެ މެންބަރު އަދި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ގާނޫނީ ވަކީލު މުހަންމަދު ނަޝީދު ސަން އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިއްޔެ ވިދާޅުވީ އެއީ ހިޔާލު ތަފާތު މައްސަލެއް ކަމަށާއި ނަމަވެސް ޑޮކްޓަރީން އޮފް ފައިނޭލިޓީގެ [ކޮންމެ ކަމެއްގެ ވެސް ނިމޭ ހިސާބު] ރައުޔުގެ މައްޗަށް ބުރަވާ ނަމަ އެކަން އެގޮތަށް ކުރެވެން ނޯން ނާނެ ކަމަށެވެ. އެހެނަސް ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމަކީ އެއް ދުވަހެއްގެ ނިންމެވުމެއް ކަމަށް ގަބޫލުކުރާ ކުރުމަކީ ބުއްދީގެ ހަމަތަކުގެ މަތިން ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ވަކި ހިސާބަކުން ފަހުގެ ނިންމުމެއް އެބަ ނިންމަން ޖެހޭ ކަމަށާއި އެހެން ނޫނީ މަޖިލީހުން ރުހުން ނުދީ ފޮނުވާލުމުން އަނެއް ދުވަހު މަޖުލީހަށް އެ ނަން ހުށަހަޅާ ނަމަ އެކަމުގައި ފަހުގެ ނިންމުމެއް ދުވަހަކު ވެސް ނުނިންމޭނެ ކަމަށެވެ.
"ޑޮކްޓަރީން އޮފް ފައިނޭލިޓީ. ކޮންމެ ކަމެއް ވެސް ނިމެންވާ ހިސާބެއް އޮންނާނެ. އެޓާނީ ޖެނަރަލް ކަމުން ޑރ. އަހުމަދު އަލީ ސަވާދުގެ ނަންފުޅު މަޖުލީހަށް ހުށަހެޅި އެ އޮތީ ފާސްނުވެފައި. މިހާރު އަޅުގަނޑުމެންނަށް އެބައިނގޭ މިހާރު ވަޒީރު ކަމަކު ނުހުންނެވޭނެކަން މަޖުލީހުން ރުހުން ލިބިވަޑައިނުގަންނަވާ ބޭފުޅަކަށް. އެ ނިންމުން އެއޮތީ ނިންމަވާފައި. އެ ނިންމުމަށް ހަފުތާއެއް ނުވަނީސް އަނެއްކާ ހަމަ އެ މަގާމަށް ވަޑައިގެން އަލުން އަނެއްކާ މަޖުލީހަށް ނަންފުޅު އައުމަކީ އެއީ މިދެންނެވި ޑޮކްޓަރީ އޮފް ފައިނޭލިޓީއާ އެއްގޮތަށް ހިނގާކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. "އަނެއް ކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބުނެވިދާނެ އެއީ މަޖުލީހުން އެދުވަހު ނިންމި ނިންމުމެކޭ ވިދިގެން އަންނަ ދުވަހު ނިންމުން ބަދަލުކުރުމަކީ ވެސް އެކަށީގެންވާ ކަމެކޭ. އެކަމަކު އެއީ ހަމަޖެހޭ ވާހަކައެއް ނޫން. ކޮންމެވެސް ހިސާބަކުން ނިމުމެއް އަންނަން އެބަޖެހޭ،"
ފިނޭންސް މިނިސްޓަރު ފިޔަވައި އެ މިނިސްޓްރީ ހިންގެވުމަށް ރައީސް ހަވާލުކުރައްވާ ބޭފުޅަކަށް ބަޖެޓު ހުށަހެޅުއްވޭނެ ކަމަށް ދައްކާ ވާހަކަތަކަށް ވެސް ނަޝީދު ރައްދު ދެއްވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަން ވާނީ ފައިނޭންސް މިނިސްޓަރު ކަން އެނގޭ ކަމަށާއި މަޖިލީހުން ރުހުން ހޯދުމުގެ މަރުހަލާ ނުނިމި އޮތަސް، ފައިނޭންސް މިނިސްޓަރު ކަމުގެ ހުވާ ބޭފުޅަކު ކުރައްވައިފި ނަމަ ހިސާބުން އެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުއްވޭނެ ކަމަށެވެ. ނަމަވަވެސް އެ މިނިސްޓްރީ ހިންގަވަން ރައީސް ހަވާލުކުރައްވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ބަޖެޓް ހުށަހެޅުއްވުމަކަށް ގާނޫނު އަސާސީ ތަން ނުދޭ ކަމަށް ވިދާޅުވި އެވެ.
އަދި އެ އުސޫލުން އޭނާ ވިދާޅުވީ މިހާރު ފައިނޭންސް މިނިސްޓްރީން ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ، އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ އަށް ބަޖެޓް ހުށަނޭޅުއްވޭނެ ކަމަށެވެ.
"އެކްޓިން ފިނޭންސް މިނިސްޓަރަކީ ފިނޭންސް މިނިސްޓަރެއް ނޫން. އެކްޓިން މީހަކަށް އެކަމެއް ނުކުރެވޭނެ. ގާއިމް މީހަކަށް އެކަމެއް ނުކުރެވޭނެ. ފިނޭންސް މިނިސްޓަރަކީ ހަމަ ފިނޭންސް މިނިސްޓަރު. އެހެނޭ ކިޔާފައި ރައީސްއަށް ވެސް މަޖުލީހަށް އައިސް ބަޖެޓް ހުށަހެޅުމުގެ އިހުތިޔާރެއް ނޯންނާނެ،" މަޖުލީހުގެ އަމީން އާންމުކަމާއި މަޖިލީހުގައި ރައީސްގެ ހާއްސަ މެންބަރުކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.