ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޒަނުގައި އިއްޔެ ކުޅުނު މެޗްތަކުން ގިރާވަރު ޔޫތު ސޮސައިޓީ އާއި ސްޕޯޓްސް ކްލަބް ގުޑީސް މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗް ގިރާވަރު ޓީމުން ކާމިޔާބު ކުރީ ހާފްލައިން ލިންކޭޖާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ގިރާވަރު ޓީމުން ގެންގޮސްފައި ވަނީ 25-20، 25-14 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގިރާވަރު ޓީމުގެ އަހުމަދު ފާޒިލްއެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުން ގުޑީސް މޮޅުވީ ޓީނޭޖް ޖޫނިއާސްއާ ވަދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ގުޑީސްއިން ގެންގޮސްފައި ވަނީ 25-15، 25-17 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގްޑީސްގެ ބިދޭސީ ކުޅުންތެރިޔާ ދިމުތު އެވެ.

މިމުބާރަތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30 ގައި ބައްދަލުކުރާ ދެޓީމަކީ ސާއްބަ އާއި ކޮމަންޑޫ އެވެ. އަދި ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ޕޮލިސް އެފްއޭ އާއި ޔޫތު ނިއު ޖެނެރޭޝަން އެވެ.

މި މުބާރާތުގައި 14 ޓީމު ވާދަކުރާއިރު، ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލައިފަ އެވެ. ގުރޫޕް އޭގައި ހިމެނެނީ ހޯރަފުށީ ގުޅުމާއި ސްޕޯޓްސް ކްލަބް މެކާނޯ އާއި ގިރާވަރު ޔޫތު ސޮސައިޓީ އަދި ކްލަބް ހާފް ލިންކޭޖެވެ. ގުރޫޕް ބީގައި ހިމެނެނީ ސްޕޯޓްސް ކްލަބް ގުޑީސް އާއި ކްލަބް ޓީނޭޖް ޖޫނިއާސް އާއި ސްޕޯޓްސް ކްލަބް ވާދޫ އާއި ފޮނަދޫ ޒުވާނުންގެ ރޫހެވެ. ގުރޫޕް ސީގައި ހިމެނެނީ ސްޕޯޓްސް ކްލަބް ސިޓީ އާއި ޕޮލިސް ފެމިލީ އެސޯސިއޭޝަން އަދި ޔޫތު ނިއު ޖެނެރޭޝަނެވެ. ގުރޫޕް ޑީގައި ހިމެނެނީ ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ އާއި ށ. ކޮމަންޑޫ އިސްދަރިވަރުންގެ ޖަމިއްޔާ އަދި ހަނިމާދޫ ސާއްބަ އެކުވެރި ކްލަބެވެ.

ލީގު އުސޫލުން ކުޅޭ އެއް ބުރަށް ފަހު، މުބާރާތުގެ ކުއާޓާ ފައިނަލަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއް ވަނަ ޓީމާއި ދެވަނަ ޓީމެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމާއި ރަނައަޕް ޓީމަށް މިއަހަރުގެ އެއް ވަނަ ޑިވިޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެޓީމް ތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ބުނެ އެވެ.