22 Jan 2014, 14:05
ޖެނީވާ (ޖަނަވަރީ 22): ސްވިސްޓްޒަލޭންޑްގެ ޖެނީވާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްހައިގެ މަހާސިންތާގައި ބައިވެރިވާ ވަފްދުތައް ރޭގައި ޖެނީވާއަށް ގޮސްފައިވާއިރު ސޫރިޔާ ސަރުކާރާ އަދި އިދިކޮޅު ފަރާތްތަކުގެ ކިބައިން ސުލްޙައިގެ ރޫހު އެއްވެސް ވަރަކަށް ފެންނަންނެތް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ.
މިފަރާތްތަކުން ބުނާގޮތުގައި ސޫރިޔާ ސަރުކާރާ އަދި އިދިކޮޅު ފަރާތްތައް ވެސް ތިބީ ހަނގުރާމަކޮށްގެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެ ގަތުމުގެ ރޫހެއްގަ އެވެ. ޚާއްސަކޮށް ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަނީ މައްސަލަ ހައްލުކުރާނީ ހަނގުރާމައިގެ މައިދާނުން ކަމަށްބުނެ ބައިނަލްއަގްވާމީ މުޖްތަމައަށް އިންޒާރު ދީފަ އެވެ.
ސުލްހައިގެ މަހާސިންތާގައި ބައިވެރިވާ ސޫރިޔާ ސަރުކާރުގެ ވަފްދުގެ ވެރިއަކަށް ހުންނެވީ އެގައުމުގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް އެވެ. އަދި އިދިކޮޅު ކޯލިޝަންގެ ވެރިއަކަށް ހުންނަވާނީ އަހްމަދުލްޖަރްބާ ކަމަށް ޚަބަރުލިބެ އެވެ. ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލައި އެގައުމުގެ އަރާރުންތައް ސުލްޙަވެރިގޮތުގައި ހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަގްސަދުގައި ބާއްވާ މި މަހާސިންތާ އިންތިޒާމް ކޮށްފައި ވަނީ އެމެރިކާއާއި ރަޝިޔާ އަދި އދ. ގުޅިގެންނެވެ.
މި މަހާސިންތާގައި ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން އެގައުމުގެ ސަރުކާރުގެ އިސްވެރިންނާއި އިދިކޮޅު ޒަޢީމުން ސީދާގޮތެއްގައި ބައްދަލުކުރައްވައި މަޝްވަރާތައް ކުރުމުގެ ފުރްސަތު ފަހިވެގެންދާނެ ކަމަށާ މިފުރްސަތުގެ ބޭނުން ދެފަރާތުންވެސް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވަނީ ވިދާޅުވެފަ އެވެ. މިމަހާސިންތާ ފެށުމުގެ ކުރިން އެމެރިކާ އާއި ރަޝިޔާގެ ޚާރިޖީވަޒީރުންނާ އެކު ބާންކީ މޫންއާއި އދ.ގެ ސުލްޙައިގެ މަންދޫބު އަލްއަޚްޟަރުލް އިބްރާހީމީ ވަނީ ބައްދަލުކުރައްވާފަ އެވެ.
ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ގެނަސް ހަމަލާތައް ހުއްޓާލުމަށް މަގުފަހިކުރުމުގެ ގޮތުން ސުލްހައިގެ މަހާސިންތާ މިއަދު ފެށުނުނަމަވެސްސޫރިޔާ ސަރުކާރާ އަދި އިދިކޮޅު ފަރާތްތަކުންވެސް ތިބީ ހަނގުރާމަކޮށްގެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެ ގަތުމުގެ ރޫހެއްގައި ކަމަށާ ސުލްޙައިގެ ރޫހެއްގައި ނޫންކަމަށް މުރާސިލުން ބުނެއެވެ. ޚާއްސަކޮށް ދޫދީގެން ސުލްޙަވެރިކަމާއެކު މައްސަލަ ހައްލުކުރުމުގެ ރޫހު ދެފަރާތުގެ މެދުގައި ނެތްކަމަށާ އެހެންކަމުން މި މަހާސިންތާ ކާމިޔާބު ވުމުގެ ފުރްސަތު ކުޑަކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)