22 Jan 2014, 13:25
ކްލަބު ހިންގުމަށްޓަކައި ދޭންޖެހޭ ވަގުތު ދެވެން ނެތްކަމަށް ބުނެ، މިދިޔަ އަހަރު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައިވާ ވީބީ އައްޑޫ އެފްސީ އުވާލަން އެ ކްލަބުގެ މެނޭޖްމަންޓުން ނިންމައިފި އެވެ.
އައިލެންޑް ފުޓްބޯލް ކްލަބު (އައިއެފްސީ)ގެ ނަމުން 2007 ވަނަ އަހަރު ވީބީގެ ނަމަށް ބަދަލުކޮށްގެން ފުރަތަމަ ޑިވިޝަންގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި ނަމަވެސް މިދިޔަ އަހަރުގެ ގަދަ ހަޔަކުން ކަޓައި އަދި ދިވެހި ލީގު ކޮލިފިކޭޝަނުންވެސް ފެއިލްވުމުން ވީބީ ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ކްލަބުގެ މެނޭޖަރު އޭރު ވިދާޅުވެފައިވަނީ "ކޮންމެ ހާލެއްގައިވެސް، ވީބީ ހިންގާނަން. އަދި ފުރަތަމަ ޑިވިޝަނަށް އެނބުރި އަންނާނަން" ކަމަށެވެ.
ވީބީގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ) ސަން އަށް މިއަދު ވިދާޅުވީ، ކްލަބު އުވާލަން ނިންމީ ކްލަބު ހިންގަން ތިބި ފަރާތްތަކަށް ކްލަބަށް ދޭންޖެހޭ ވަގުތު ދެވެން ނެތުމާއި އަދި އެހެނިހެން ވެސް ދަތިތައް ހުރުމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެން ވީބީގެ އިސްވެރިން ރޭގެ ވަގުތެއްގައި ބައްދަލުކޮށްފައި އެއްބަސްވީ، މިވަގުތު ކަންތައްތައް ހުރިގޮތުން ކްލަބާއިގެން އިތުރަށް ކުރިއަށް ދެވެން ނެތުމުން ކުލަބު އުވާލަން،" ވީބީގެ މެނޭޖަރު ވިދާޅުވި އެވެ. "ކްލަބުގެ އެއް މުއައްސިސް ކަމަށްވާ ޝަވީދު އެހުރީ އޮލިމްޕިކް ކޮމެޓީގެ ރައީސް ކަމުގެ މަގާމުގައި، އަދި ދެންތިބި މީހުންވެސް ވިޔަފާރިއާއި އަދި އެހެނިހެން ކަންތަކުގައި އުޅެންޖެހުމުން ކްލަބަށް ދޭންޖެހޭ ވަގުތެއް ނުދެވޭ. މީގެ އިތުރުން މާލީ ގޮތުންވެސް އަޅުގަނޑުމެންނަށް ކްލަބު ހިންގަން ދަތިތަކެއް އެބަހުރި."
ސަތޯ ވިދާޅުވީ ވީބީ އުވާލަން ނިންމި އިރު ކްލަބުގެ ކޮންޓްރެކްޓްގައި ގިނަ ކުޅުންތެރިން ތަކެއް އެބަ ތިބި ކަމަށާއި އަދި އެކުޅުންތެރިންގެ ކަންތައް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ނިންމާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކްލަބާ އެކު ދިގުމުއްދަކަށް ކޮންޓްރެކްޓް ހަދާފައި ގިނަ ކުޅުންތެރިން ތަކެއް އެބަތިބި. އެހެންވީމާ މިބަލަނީ އެ ކުޅުންތެރިންނާ މަޝްވަރާކޮށްގެން، ކުޅުންތެރިންގެ މުސާރައާއި އަދި އެހެނިހެން ކަންތައް ވެސް ދެތިން ދުވަހެއްގެ ތެރޭގައި ނިންމައިލެވޭނޭ ކަމަށް،" ސަތޯ ވިދާޅުވި އެވެ.
ވީބީގެ ރަން ދުވަސްވަރު އެ ކްލަބުން ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. އެގޮތުން އެ ކްލަބުން ވަނީ 2008 އަދި 2011 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2009، 2010 އަދި 2011 ވަނަ އަހަރުގެ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ އިތުރުން 2010 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްވެސް އެ ކްލަބުން ކާމިޔާބުކުރި އެވެ.
ސަތޯ އިތުރަށް ވިދާޅުވީ، ކްލަބު އުވާލަން މިވަގުތު ނިންމި ކަމުގައި ވީ ނަމަވެސް "ވީބީ"ގެ ނަމުގައި މުސްތަގުބަލުގައި އަދިވެސް ފުޓްބޯޅަ ޓީމެއް ނެރުމުގެ އުންމީދު އެބަ އޮތް ކަމަށެވެ.
"ވީބީ އާއިލާ އަކީ ކުޅިވަރަށް ލޯބިކުރާ ބަޔަކު ތިބި އާއިލާއެއް. އެހެން ކަމުން އަޅުގަނޑުމެން މިވަގުތަށް ކްލަބު އުވާލަން ނިންމި ކަމުގައިވީ ނަމަވެސް، 'ވީބީ' މިނަން ދޫކޮށެއް ނުލާނަން. އަދި ކުރިއަށް އޮތް ދެ ތިން އަހަރު ތެރޭގައި ފުޓްބޯޅައިގެ ތެރެއިން ވީބީ ފެނުން ގާތް،" ސަތޯ ވިދާޅުވި އެވެ.
ވީބީ އައްޑޫ އެފްސީ އުވާލަން ނިންމާފައިވާއިރު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)ގެ މިހާރުގެ ރައީސް އިލްހާމް އަހްމަދު އެ މަގާމަށް ވާދަކުރަށްވާފައިވަނީ އެ ކްލަބުގެ ފަރާތުންކަން ފާހަގަކޮށްލަން ޖެހެ އެވެ.