އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދާލަތު ޕާޓީން ވަކިން ކެންޑިޑޭޓުން ނެރޭނީ ކޯލިޝަންގެ ތެރެއިން ކެންޑިޑޭޓުން ނެރުމުގެ ފުރުސަތު ނުދީފި ނަމަ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބުދުﷲ ވިދާޅުވީ އަންނަ މާޗް މަހު 22ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޯލިޝަންގެ ތެރެއިން ކެންޑިޑޭޓުން ނެރުމަށް މަޝްވަރާތައް ކުރުމަށް ނިންމާފައިވާ ކަމަށާއި ކޯލިޝަންގެ މެންބަރުންގެ ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓުން ނެރުމަށް އެ ޕާޓީގެ ފަރާތުން "ދެވެން އޮތް އެންމެ މައްޗަށް ދޫދޭނެ" ކަމަށެވެ.

"ކޯލިޝަނުން އަދާލަތު ޕާޓީ އަށް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ގުޅިގެން އެކުގައި ނުކުތުމަށް ފުރުސަތެއް ދޭކަމަށްވާ ނަމަ އަޅުނގަޑުމެން މިތިބީ ކޯލިޝަންގެ ތެރެއިން މަޖިލީހަށް މެންބަރުން ނެރުމަށް ތައްޔާރަށް،" އިމްރާން ވިދާޅުވި އެވެ.

ނަމަވެސް މަޝްވަރާތަކުގައި ކޯލިޝަންގެ ތެރެއިން ވަކި އަދަދަކަށް ފުރުސަތު އެ ޕާޓީ އަށް ދޭންޖެހޭނެ ކަމަށް ވަކާލާތެއް ނުކުރައްވާނެ ކަމަށާއި ނަމަވެސް ސްލޮޓް ދިނުމުގައި ގަބޫލުކުރެވޭ އުސޫލެއްގެ މަތިން އެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މީގައި އަޅުނގަޑުމެން ވަކާލާތު ކުރާނީ އަޅުނގަޑުމެންގެ މެންބަރުންނަށް ވެސް އެބޭފުޅުންނަށް ވެސް އެއީ އަދާލަތަށް ދޫކުރަން ރަނގަޅު އަދަދެކޭ ގަބޫލުކުރެވޭ މިންވަރަށް. މިހާރު ކުރެވޭ މަސައްކަތާއި ޕާޓީގައި ތިބި މެންބަރުންނާއި ވޭތުވެ ދިޔަ އިންތިހާބުގައި ވޯޓު ހޯދިފައި ހުރި މިންވަރާ މިހުރިހާ ކަމަކަށް ބެލީމާ ގަބޫލުކުރެވޭނެ ކިހާ އަދަދެއްކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ އިންތިހާބަށް ކޯލިޝަންގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން ނުކުތުމަކީ ރައްޔިތުންގެ އުންމީދެއް ކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުން މަޖިލީހުގެ އިންތިހާބަށް ވަކިވަކިން ނުކުމެއްޖެ ނަމަ، ކޯލިޝަނަށާއި ސަރުކާރު ނޭދޭ އެތައްކަމެއް ދިމާވެދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މަޖިލީހުގެ އިންތިހާބަށް ކޯލިޝަންގެ ތެރެއިން ކެންޑިޑޭޓުން ނެރުމަށް މިހާތަނަށް އެއްވެސް މަޝްވަރާއެއް ރަސްމީކޮށްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މަޝްވަރާތައް ވީހާ ވެސް އަވަހަށް ފެށުމަށް ސަރުކާރު ހިންގާ ކޯލިޝަނުގައި އެދިފައިވާނެ ކަމަށާއި އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ވަކިގޮތެއް އެ ޕާޓީގެ ފަރާތުން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީން ބުނީ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް މިހާތަނަށް 35 ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް އަދި އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދު ނުވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަދާލަތު ޕާޓީން ވަކިން ވާދަކޮށްގެން 45 ގޮނޑި ހޯދާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ލޯކަލް ކައުންސިލްގެ އަތޮޅު ކައުންސިލަރުގެ އަދަދަކީ 132 އެވެ. އަދި ރަށު ކައުންސިލަރުންގެ އަދަދަކީ 951 އެވެ.